ޚަބަރު
ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ޙައްޤެއް: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ، އދ. މަންދޫއަށް ވަޑައިގަތުން / 8 އޮކްޓޫބަރު 2025

ފަރުދުން
10 އޮކްޓޯބަރު 2025، 03:09
10 އޮކްޓޯބަރު 2025، 03:09
ނަފްސާނީ ދުޅަހެޔޮކަމަކީ އިންސާނީ ޙައްޤެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ނަފްސާނީ ދުޅަހެޔޮކަމަކީ، ފަރުދުންނާއި ޢާއިލާތަކުގެ އަދި ޤައުމުގެވެސް ބިންގާކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަމުގެ ޙައްޤު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި އިސްކަންދެއްވާކަމަށެވެ. އަދި ސަރުކާރުން މިދާއިރާ ހަރުދަނާ ކުރުމަށް މިހާރުވެސް ކުރަމުންދާ މަސައްކަތް މެދުކެނޑުމެއްނެތި ކުރައްވާނެކަމަށް ވިދާޅުވިއެވެ. ޚާއްސަކޮށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަމާޢި، ސިއްޙީ ގޮތުން ކުރިމަތިވާ ހާލަތްތަކުގައިއާއި އިންސާނީ ކާރިސާތަކަށް އިޖާބަ ދިނުމުގައި ނަފްސާނީ އެހީތެރިކަން މުހިންމު ދައުރެއް އަދާ ކުރެވޭނެހެން ކަންކަން ބައްޓަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ނަފްސާނީ އެކިއެކި ކަންކަން ކުރިމަތިލަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ޚާއްޞަ ހެލްޕްލައިން 1677 އިފްތިތާޙުކޮށް ޚިދުމަތް މިދިޔަ އަހަރު ފެބްރުއަރީ މަހު 21 ވަނަ ދުވަހު ވަނީ ފަށްޓަވާފައެވެ.
ނަފްސާނީ ޚިދުމަތްތަކަށް ޚާއްޞަ ހެލްޕްލައިންގެ މައިގަނޑު އެއް މަޤްސަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައާއި، ނަފްސާނީ ބަލި ހުންނަ އެކި އުމުރު ފުރައިގެ މީހުންނަށް، ނަފްސާނީ ފުރަތަމަ އެހީތެރިކަން، 24 ގަޑިއިރު ފޯރުކޮށްދިނުމެވެ. މިނަންބަރުން ނަފްސާނީ ސިއްޙަތުގެ ފުރަތަމަ އެހީގެ އިތުރުން މައްސަލަ ހައްލުކުރުމަށް އެހީތެރިވުމާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެދިފައިވާ އުޞޫލްގެ ތެރެއިން ގުޅުން ހުރި ޚިދުމަތްތަކަށް ރިފަރަލް ހެދިގެންދާނެކަމަށްވެސް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުން ވަނީ ނަފްސާނީ އެހީތެރިކަން ފަަސޭހައިން ލިބޭނެ ގޮތް ހެދުމަކީ އަމާޒެއްކަމަށް ވިދާޅުވެފައެވެ.