ޚަބަރު
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އަދާހަމަކުރުމަށް އިތުރު މުއްދަތެއް ދީފި

ބިދޭސީންތަކެއް/ފޮޓޯ: އިމިގްރޭޝަން
ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އަދާހަމަކުރުމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން އިތުރު މުއްދަތެއް ދީފިއެވެ.
އެ ވުޒާރާއިން ނެރުނު އިޢުލާނެއްގައި ބުނީ، އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ބައެއް ވަޒީފާދޭ ފަރާތްތަކުގެ ނަމުގައި އެ ފަރާތްތަކުން ރާއްޖެ ގެނެސްފައިވާ ބައެއް ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް، އެ ވުޒާރާއިން މި އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު އަންގަވާފައިވާގޮތަށް އަދާހަމަކޮށްފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން، މިހާތަނަށް 3،942 ވަޒީފާދޭ ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބި 27،773 ބިދޭސީއެއްގެ މަޢުލޫމާތު އަދާހަމަކޮށްފައި ނުވާކަމަށް އެކްސްޕެޓް ސިސްޓަމްގެ ރެކޯޑުތަކުން ފެންނަކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެހެންކަމުން، އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާ ދޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ އެއްވެސް ބިދޭސީއެއްގެ ބައޯމެޓްރިކްސް އެކްސްޕެޓް އޮންލައިން ސިސްޓަމުން އަދާހަމަކޮށްފައި ނުވާނަމަ މި އަންނަ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެފަދަ ބިދޭސީއެއްގެ ބައޯމެޓްރިކްސް އެކްސްޕެޓް އޮންލައިން ސިސްޓަމު މެދުވެރިކޮށް އަދާހަމަކުރުމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވަނީ އަންގަވާފައެވެ.
އަދި މި މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި، ބަޔޯމެޓްރިކްސް އަޕްޑޭޓުނުކުރާ ބިދޭސީން ރާއްޖެއިން ޑީޕޯޓުކޮށް، އެ ބިދޭސީންނާ މެދު ދިވެހިރާއްޖޭގެ އިމިގްރޭޝަނުގެ ޤާނޫނުގެ ދަށުން އެޅޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ހަމަ އެހެންމެ، އެ ބިދޭސީންނަށް ވަޒީފާ ދީން ފަރާތްތަށް، ވަޒީފާއާ ބެހޭ ޤާނޫނުގެ ދަށުން 50،000 ގެ މަގުން ޖޫރިމަނާކޮށް، އިމިގްރޭޝަނުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ބިދޭސީންގެ ބައޯމެޓްރިކްސް އަދާހަމަކުރުމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ، އެ ވުޒާރާއަށް ގުޅުއްވައިގެން، ނުވަތަ މެއިލް މެދުވެރިކޮށް ދެންނެވުމަށް އެ ވުޒާރާއިން އެދިލެއްވިއެވެ.