ޚަބަރު
ޓްރޭޑްނެޓްގެ ނަން މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ރައީސް ބަދަލުކުރައްވައިފި

ރައީސް އޮފީސް--
ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް ގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލުކުރައްވައިފިއެވެ.
މިގޮތަށް ބަދަލުކުރައްވާފައި ވަނީ، ރައީސްގެ ޤަރާރަކުންނެވެ. ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއްގެ ގޮތުގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް އުފައްދަވާފައިވަނީ 2019 ވަނަ އަހަރުއެވެ. މި ކުންފުނި އުފައްދަވާފައިވަނީ، ދިވެހިރާއްޖޭގައި ވިޔަފާރިކުރުމާ ގުޅޭ އެކިއެކި ޚިދުމަތްތައް އެއް ވިޔުގައަކުން ފޯރުކޮށްދިނުމަށް ޓަކައި "ސިންގަލް ވިންޑޯ" އޮޕަރޭޓަރުގެ ޒިންމާ އަދާކުރުމުގެ މަޤްޞަދުގައެވެ.
މި ކުންފުނީގެ ނަން، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ ލިމިޓެޑްގެ ނަމަށް ބަދަލުކުރައްވަން ނިންމެވީ، "މޯލްޑިވްސް 2.0 ރޯޑްމެޕް 2025-2028 – ޖަރނީ ޓު ޑިޖިޓަލް ޓްރާންސްފޮމޭޝަން" މަގުޗާޓުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ކުންފުނީގެ ގޮތުގައި ހަރަކާތްތެރިވެ، ދިވެހިރާއްޖޭގައި ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ މަސައްކަތް ހިންގާނެ އިސް ބައިވެރިއެއްގެ ގޮތުން އެ ކުންފުންޏާ ހަވާލުކުރައްވާފައިވާ މެންޑޭޓް ތަންފީޒުކޮށް، ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ "މޯލްޑިވްސް 2.0" ގެ ތަޞައްވުރާ އެއްގޮތަށް އޮތުމަކީ، އިސްތިރާޖީގޮތުން ކުންފުނީގެ މަސައްކަތްތައް ހިންގުމަށް މުހިންމު ކަމެއްކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް، ރައީސްގެ ޤަރާރުގައި ވަނީ ބަޔާންކުރައްވާފައެވެ.
ޓެޖްނޮލޮޖީގެ ދާއިރާއިން ދިވެހިރާއްޖެ އިތުރަށް ކުރިއަރުވާ، މުޅި ރާއްޖެ ޑިޖިޓަލް ނެޓްވޯކަކުން ގުޅާލުމަށް މި ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.