ޚަބަރު
ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 40 ފުލުހުން ހުވާކޮށްފި

ފުލުހުން ހުވާކުރުން/ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 40 ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފައި ވަނީ، އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ޖުވެނައިލް ކޯޓުގެ ގާޟީ އަލްއުސްތާޛު އަހުމަދު ޝަރީފްއެވެ. މި ރަސްމިއްޔާތުގައި ހުވާކޮށްފައި ވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 40 ފުލުހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ، އަންހެން 17 ފުލުހުންނާއި ފިރިހެން 23 ފުލުހުންނެވެ. ހުވާކުރުމަށް ފަހު ފުލުހުން ވަނީ ހުވާގެ އިޤުރާރުގައި ސޮއިކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް އަލަށް ފުލުހުން ރެކްރޫޓުކުރުމާއި، ފުލުހުންނަށް ބޭނުންވާނެ އެންމެ އެކަށޭނެ ތަމްރީނުތައް ދީ، ފުލުހުން ޒިންމާދާރުކޮށް، ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް ފުލުހުންގެ މުއައްސަސާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.