ޚަބަރު
ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމުގެ ދަށުން 23 އެޕްލިކޭޝަނެއް އެޕްރޫވްކޮށް، 15 ފަރާތަކަށް ލިޔުން ހަވާލުކޮށްފި

ލިޔުން ހަވާލުކުރުން/ފޮޓޯ: ވުޒާރާ
ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމުގެ ދަށުން 23 އެޕްލިކޭޝަނެއް އެޕްރޫވްކޮށް، 15 ފަރާތަކަށް ލިޔުން ހަވާލުކޮށްފައިވާކަމަށް އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން ވިދާޅުވީ، ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފައިނޭންސް ލިބޭ ކަމުގެ ލިޔުން ހަވާލުކުރަން ފެށުމުގެ ރަސްމިއްޔާތެއް މިއަދު ބާއްވާފައިވާ ކަމަށެވެ.
ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަމުގައިވާ ދިވެހި ރައްޔިތުންގެ ތެރެއިން ގެދޮރު އިމާރާތްކުރުމަށް ލުއި ގޮތެއް ބޭނުންވެފައިވާ ފަރާތްތަކަށް، ބޯހިޔާވަހިކަން ޤާއިމްކުރެވޭނެ މަގު ފަހިކޮށްދިނުނަށްޓަކައި 5 އިންސައްތައިގެ ރޭޓުގައި ހިންގާ އިސްލާމިކް ފައިނޭންސިންގ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 23 އެޕްލިކޭޝަނެއް އެޕްރޫވްކޮށްފައިވާއިރު، އޭގެ ތެރެއިން 15 ފަރާތަކަށް މިއަދު ލިޔުން ހަވާލުކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި ސްކީމްގެ ދަށުން އެޗްޑީއެފްސީ މެދުވެރިކޮށް ހަމައެކަނި އަތޮޅު ތެރޭގެ ރަށްރަށުގައި ގެހެދުމަށް 1 މިލިޔަން ރުފިޔާއާއި ހަމައަށް ލޯން ލިބޭނެއެވެ. އެއާއެކު އާބަން ސެންޓަރުތަކުގައި ގެދޮރު އަޅަން ޚާއްޞަ ސްކީމެއް ކަނޑައަޅާފައިވެއެވެ. މި ސްކީމްގެ ދަށުން 3 މިލިޔަން ރުފިޔާއާއި ހަމައަށް ލޯނު ދޫކުރާނެއެވެ. މީގެ އިތުރުން، މާލޭ ސަރަހައްދުގައި ގެދޮރު ހަދަން ޚާއްޞަކޮށް ދޫކުރާ ލޯނެއްވެސް މި ސްކީމްގެ ދަށުން ލިބޭގޮތް ވަނީ ހަމަޖައްސާފައެވެ. ފުރަ މާލެއަށް ޚާއްޞަ ކޮށްފައިވާ ސްކީމްގައި 6 މިލިޔަން ރުފިޔާއާއި ހަމައަށް ލޯން ދޫކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގެ ދަށުން، އަރބަން ސެންޓަރުތަކާއި ފުރަމާލެއަށް ޚާއްޞަކޮށް ކުރިއަށްގެންދާ ލޯނު ސްކީމްތައް ކުރިއަށްގެންދާނީ ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށެވެ.