Ads by Stelco

ޚަބަރު

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަންނަ މަހު 9 ގައި ރަސްމީކޮށް ހުޅުވަނީ!

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަންނަ މަހު 9 ގައި ރަސްމީކޮށް ހުޅުވަނީ!

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ކުރެހުމެއް ފޮޓޯ:އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޮކްޓޯބަރު 2025، 04:50

09 އޮކްޓޯބަރު 2025، 04:50

 ހދ. ހަނިމާދޫގައި އަލަށް ތަރައްޤީކުރި އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް ނިމި، އަންނަ މަހުގެ 9 ވަނަ ދުވަހު ރަސްމީކޮށް ހުޅުވޭނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ. މިއީ މުޅިން އައު މަޝްރޫޢެއްގެ ގޮތުގައި ކުރިއަށް ގެންދެވުނު ބޮޑު ތަރައްޤީގެ މަޝްރޫޢެކެވެ.

އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ވަމުން ކަމަށެވެ. އެގޮތުން، އައު ޓަރމިނަލަށް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޝަރީފު ހާމަކުރެއްވިއެވެ. އައު ޓަރމިނަލަށް ޚިދުމަތްތައް ބަދަލުކުރުމަށްފަހު، ބައު ޓަރމިނަލް ތަޅާލުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "އަންނަމަހު 9ގައި ހުޅުވުމަށް މިދަނީ ތައްޔާރުވަމުން. މިހާރު ޖެޓީގެ މަސައްކަތާއި އެއަރޕޯޓުގެ ފިނިޝިންގެ މަސައްކަތް ދަނީ ކުރަމުން" ޝަރީފް ވިދާޅުވިއެވެ.

މިމަޝްރޫޢު ނިމުމުން، ހަނިމާދޫ އެއަރޕޯޓުން އެއަރބަސް އޭ320 އަދި ބޮއިންގ 737 މަރުކާގެ ފްލައިޓްތަކަށް ޚިދުމަތް ދެވޭނެކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން، އެ އެއަރޕޯޓްގައި އެއްފަހަރާ 9 ފްލައިޓް ޕާކުކޮށްފައި ބޭއްވޭނެ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން، އެއަރބަސްގެ 3 ބޯޓާއި އޭޓީއާރްގެ 6 މަތިންދާ ބޯޓް އެއްފަހަރާ ޕާކުކުރެވޭނެއެވެ.

ދިވެހިވަންތަކަން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އައު ޓަރމިނަލަކީ 10,380 އަކަމީޓަރުގެ ބޮޑު ޓާމިނަލެކެވެ. މި ޓާމިނަލްގެ އެންމެ ތިރީ ފަންގިފިލާ ބޭނުންކުރާނީ އެތެރޭގެ އުދުހުންތަކަށެވެ. އަދި މަތީ ފަންގިފިލާ ބޭނުންކުރާނީ އިންޓަރނޭޝަނަލް ދަތުރުތަކަށެވެ. ކޮންމެ ފަންގިފިލާއެއްގައި 2 ގޭޓު ހިމެނެއެވެ. އަތޮޅުތެރޭގެ އެއަރޕޯޓެއްގައި ބޭނުންކުރާ ފުރަތަމަ އެއިރޯ ބްރިޖްވެސް ޤާއިމްކޮށްފައިވަނީ ހަނިމާދޫ އެއަރޕޯޓްގައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަސައްކަތަކީ ގާތްގަނޑަކަށް ދެ ބިލިޔަން ރުފިޔާގެ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިއީ އަހަރަކު 1.3 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ މިންވަރަށް ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ފަތުރުވެރިކަމަށް އިތުރު ބޮޑު ކުރިއެރުމެއް ލިބި، ސަރަހައްދީ އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ލަފާކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން