Ads by Stelco

ޚަބަރު

ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަން ދެއްވާނެ: ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަން ދެއްވާނެ: ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމާއެކު/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 އޮކްޓޯބަރު 2025، 04:19

09 އޮކްޓޯބަރު 2025، 04:19

ދިވެހިރާއްޖޭގައި ވޮލީ ކުރިއެރުވުމަށް ސަރުކާރުން ކުރިއަށް އޮތް ތަނުގައިވެސް އެހީތެރިކަން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމު އިޢުލާނުކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ، ބޭރު ޤައުމުތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވާއިރު، ޤައުމުގެ ރިވެތި ނަމާއި ޝަރަފު ދެމެހެއްޓެވުމަށް، ރާއްޖޭގެ ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންގެ ފަރާތުން އެދިވަޑައިގަންނަވާ ކަމަށެވެ. ހަމަ އެހެންމެ، ޤައުމީ ޓީމަށް ހިތްވަރުދެއްވައި ކާމިޔާބީއަށް އެދިވަޑައިގެން އެމަނިކުފާނު ވިދާޅުވީ، ދިވެހިޤައުމީ ޓީމުތަކުން ކުޅިވަރުގައި ހޯއްދަވާ ކާމިޔާބީއަށް ދިވެހި ރައްޔިތުން ފަޚުވެރިވާކަމަށެވެ. އަދި ވޮލީބޯޅަ ޓީމުވެސް މުބާރާތުގެ ތަށި ހޯއްދެވުމުގެ އުއްމީދުގައި ކުޅުއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ވޮލީ އަކީ ރާއްޖޭގައި މިހާރު ކާމިޔާބާއި ކުރިއެރުން ހޯދަމުން އަންނަ ކުޅިވަރެއްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް ގިނަ ސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް ތަނުގައި ވެސް މިދާއިރާ ކުރިއެރުވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ޤައުމީ ސީނިއަރ ވޮލީބޯޅަ ޓީމަކީ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ކަޕް 2025 ގައި ރާއްޖެ ތަމްސިލުކުރާ ޓީމެވެ. ޖުމުލަ 6 ޤައުމަކުން ބައިވެރިވާ މި މުބާރާތް ކުރިއަށް ދާނީ ބަންގްދަލޭޝްގެ ވެރިރަށް ޑާކާ ގައި މި މަހުގެ 22 އިން 28 އަށެވެ. މި މުބާރުގެ ތަމްރީނަށް ޓީމު މިއަދު ތައިލޭންޑަށް ފުރުމަށް ހަމަޖެހިފައިވާއިރު، މި ތަމްރީނުތައް ކުރިއަށް ދާނީ މިމަހުގެ 10 އިން 17 ގެ ނިޔަލަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން