ޚަބަރު
މަސްތުވާތަކެއްޗާއި، 3 ލައްކައަށްވުރެ ގިނަ ޢަދަދެއްގެ ފައިސާއާއެކު މީހަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
މަސްތުވާތަކެއްޗާއި، 3 ލައްކައަށްވުރެ ގިނަ ޢަދަދެއްގެ ފައިސާއާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމީހާ ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން، މިމަހުގެ 7 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ސ.ހިތަދޫ / މާސާ އަޙްމަދު ޢާނިމް (27އ) އެވެ. ފުލުހުން ވިދާޅުވީ، މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތިކަމަށް ބެލެވޭ ޓިޝޫ ޕޭޕަރެއް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނީ 2 ގްރާމެވެ. މީގެ އިތުރުން، މި އެޕާޓްމަންޓުގެ ތެރެއިން 3 ލައްކައަށްވުރެ ގިނަ ފައިސާ ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.