ޚަބަރު
ފުލުހުންނަށް ހުށަހަޅާފައިވާ ސްކޭމްގެ 42 މައްސަލައަކާ ގުޅިގެން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ސްކޭމް އެލަރޓް--
ދިވެހި ފުލުހުންގެ ޚިދުމަތަށް ނިމިދިޔަ ހަފްތާގައި ހުށަހަޅާފައިވާ ސްކޭމްގެ 42 މައްސަލައަކާ ގުޅިގެން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިހިނގާ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް އެ ސެންޓަރަށް ވަނީ ހުށަހަޅާފައެވެ. އަދި މި މައްސަލަތަކުގައި ޖުމްލަ 318،342.50 ރުފިޔާ ގެއްލިފައިވާއިރު، މިފައިސާގެ ތެރެއިން ޖުމްލަ 221،243.33 ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލަތައް:
- އީ-ކޮމަރސް: 19 މައްސަލަ
- ކަރަންސީ އެކްސްޗޭންޖު: 6 މައްސަލަ
- އިމްޕަރސޮނޭޝަން: 7 މައްސަލަ
- ފިޝިންގ، ވިޝިންގ އަދި ޖޮބް ސްކޭމް: 3 މައްސަލަ
- އެހެނިހެން: 7 މައްސަލަ
ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، އެންޓި ސްކޭމްގެ ސެންޓަރުގެ މިދިޔަ ހަފްތާގެ ތަފާސްހިސާބަށް ބަލާއިރު ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވާ މަންސަތަކަކީ ފޯންކޯލް، އައިބޭ، އޮންލައިން މެސެޖިންގ މަންސަތައް، ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ޞައްޙަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މީގެ އިތުރުން، އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަމަށް ސްކޭމް ސެންޓަރުން މައުލޫމާތު ދެއެވެ. ހަމަ އެހެންމެ، ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުންކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެކަމެއްކަމަށް އެސެންޓަރުން ވަނީ ވިދާޅުވެފައެވެ.
މިފަދަ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ، ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected] އަށް އީމެއިލް މެދުވެރިކޮށް ރިޕޯޓުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.