Ads by Stelco

ޚަބަރު

ޕްރިންސިޕަލުންގެ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ފަށަނީ، މުދައްރިސުންގެ ޚިޔާލުތަކަށް އިސްކަންދޭނެކަން ވަޒީރު ފާހަގަކުރައްވައިފި

ޕްރިންސިޕަލުންގެ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ފަށަނީ، މުދައްރިސުންގެ ޚިޔާލުތަކަށް އިސްކަންދޭނެކަން ވަޒީރު ފާހަގަކުރައްވައިފި

ރާއްޖޭގެ ސްކޫލެއްގެ ބައެއް މުދައްރިސުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 އޮކްޓޯބަރު 2025، 01:08

09 އޮކްޓޯބަރު 2025، 01:08

ސްކޫލްތަކުގެ އިސްވެރިންނަށް ނުވަތަ ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ތަޢުލީމީ ވުޒާރާއިން ބާއްވަމުން އަންނަ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ފެށުމަށް ނިންމައިފިއެވެ. ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ މިއަހަރުގެ މަހާސިންތާއަކީ ދުނިޔޭގެ ކުރިއަރާފައިވާ ތަޢުލީމީ ނިޒާމްގެ ބިނާގެ މަތީން، މުދައްރިސުންނާއި ޕްރިންސިޕަލުންގެ ޚިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާނެ މަހާސިންތާއެއް ކަމުގައެވެ.

މި މަހާސިންތާ ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ރަނގަޅުކުރުމެވެ. ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ކުރީގެ އަހަރުތަކުގައި ބާއްވާފައިވާ މިފަދަ މަހާސިންތާތަކާ މި އަހަރުގެ މަހާސިންތާ ތަފާތުވާނެ ކަމުގައެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، މިފަހަރުގެ މަހާސިންތާގައި މުދައްރިސުން ތަމްރީންކުރުމަށް އެކި ލެވެލްގައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، މިދާއިރާއަށް ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށެވެ. މީގެ އިތުރުން މަންހަޖު ތަންފިޒުކުރުމާއި، މުޖުތަމަޢުއާ ސްކޫލާ އޮންނަ ގުޅުމާއި، ޕްރިންސިޕަލުން ސްކޫލް ހިންގާ ގޮތާއި، ކްލާސްރޫމްގައި ކިޔަވައިދޭ ފެންވަރު މަތިކުރުންފަދަ ހުރިހާ ކަމަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަރުދާސްތައް ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، މި މަހާސިންތާ ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، މުދައްރިސުންނާއި ޕްރިންސިޕަލުންގެ ޚިޔާލުތައް ހޯދާ މަޝްވަރާކުރުމަށް ދުރާލާ ކަރުދާސްތައް ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށެވެ. މީގެ ކުރިން ޕްރިންސިޕަލުންގެ ކޮންފަރެންސް ބާއްވާފައިވަނީ އެހާ ބޮޑަށް މުދައްރިސުންގެ ބައިވެރިވުމަކާ އެކު ނޫންކަން ފާހަގަކުރައްވަމުން، މިފަހަރު ސީދާ މުދައްރިސުންގެ ލެވަލްގައި މަޝްވަރާކޮށްގެން ހަޤީގީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން