ޚަބަރު
ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު 4 ޒުވާނުން ހައްޔަރުކޮށްފި

ހައްޔަރުކުރި މީހުން/ފޮޓޯ: ފުލުހުން
ހުޅުމާލޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު 4 ޒުވާނުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިމަހުގެ 7 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަނުގައިި ހައްޔަރުކޮށްފައި ވަނީ، ނ.ވެލިދޫ / ރެޑިޔަމްވިލާ، އަޙްމަދު މައިޝާން ނަސީމް (20އ) އާއި، ނ.ވެލިދޫ / ޑޭޒީމާގެ، ޙަސަން ނާއިމް (26އ) އާއި، ނ.ވެލިދޫ / ޖަވާހިރުމާގެ، މުޙައްމަދު ޚަލަފް އިބްރާހީމް (18އ) އަދި، ނ.ކުޑަފަރި / ލިލީގެ، އިބްރާހީމް ރިޔާޝް (18އ) އެވެ. މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އެޕާޓްމަންޓުން މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާއިރު، މިތަކެތީގެ ވަގުތީ ބަރުދަނަކީ 28.61 ގްރާމުކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 4 މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.