ޚަބަރު
ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުމަށް އައްޑޫގެ 3 ރަށުގައި 11 ފޮށި ، މާލޭގައި 7 ފޮށި ބަހައްޓާނެ - އީސީ ރައީސް

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު
އައްޑޫ ސިޓީގެ ހުޅުދޫ، މީދޫ އަދި ފޭދޫގެ ކައުންސިލް އޮނިގަނޑަށް ބަދަލު ގެނައުމާ ގުޅޭގޮތުން އެ ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިމަހުގެ 25 ވަނަ ދުވަހު ނަގާ ޢާންމު ވޯޓަށް ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ވިދާޅުވެއްޖެއެވެ. މި ވޯޓަކީ ސަރުކާރުން އެއްވެސް ކޮޅެއް ނުނަންގަވާ، ރައްޔިތުން ނިންމާގޮތަށް ތަންފީޒުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ތާރީޚީ ވޯޓެކެވެ.
'ރާއްޖެމިއަދު' ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ވޯޓު ފޮށިތައް ބަހައްޓާނީ ފޭދޫ، ހުޅުދޫ، މީދޫ އަދި މާލޭގައި އެކަނިކަމަށެވެ. އެގޮތުން، ފޭދޫގައި 5 ފޮށި، ހުޅުދޫގައި 3 ފޮށި އަދި މީދޫގައި 3 ފޮށި ބަހައްޓަން ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، މާލޭ ސަރަޙައްދުގައި ދިރިއުޅޭ އެރަށްރަށަށް ނިސްބަތްވާ މީހުންނަށް ވޯޓުލުމަށް، ފުރަ މާލޭގެ އެއްތަނެއްގައި 7 ވޯޓު ފޮށި ބަހައްޓާނެއެވެ. މާލޭގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން ފޭދޫ ރައްޔިތުންނަށް 3 ފޮށި، ހުޅުދޫ ރައްޔިތުންނަށް 3 ފޮށި އަދި މީދޫގެ ރައްޔިތުންނަށް 1 ފޮށި ހިމެނެއެވެ.
އީސީގެ ރައީސް ޒާހިދު ވިދާޅުވި ގޮތުގައި މި ވޯޓުލުންވެސް ކުރިއަށް ގެންދާނީ އެހެން އިންތިޚާބުތަކުގައިވެސް ކުރިއަށްގެންދާ ހުރިހާ މަރުހަލާތަކެއްވެސް ފުރިހަމަކޮށްގެންނެވެ. އިންތިޚާބު ބާއްވަން ނިންމާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށެވެ.
މި ވޯޓަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ކެމްޕެއިން ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން، ކޮންމެ ފަރާތަކަށްވެސް މިމަހުގެ 24 ވަނަ ދުވަހުގެ އިރުއޮއްސި 06:00 އާ ހަމައަށް ކެމްޕެއިންގެ ސިފައިގައި ދެކޭގޮތް ހާމަކުރެވޭނެއެވެ.
ޢާންމު ފަރުދަކަށްވެސް، ޕާޓީއަކަށްވެސް، ޖަމިއްޔާއަކަށްވެސް، ސަރުކާރުންވެސް މީހުންގެ މެދުގައި މިކަމާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމަށް، 'އެޔަށް ކެމްޕެއިނޭވެސް ކިޔިދާނެ'، ދެކޭގޮތް ހާމަކުރުމައްޓަކައި އެމަސައްކަތް ކުރިއަށް ގެންދެވޭނެ
އީސީގެ ރައީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރުގެ ދަށުން މި ތިން ރަށުގެ ރައްޔިތުންގެ މެދުގައި ވޯޓު ނެގުމަށް ސުވާލުތައް ވަނީ ހުށަހަޅުއްވާފައެވެ. ހުޅުދޫ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ އެ ރަށަށް ޚާއްސަކުރެވިގެން ކައުންސިލް އުފައްދަން ފެނޭތޯ ނުވަތަ ހުޅުދޫއާއި މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯއެވެ. މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށްވެސް މި ސުވާލު ހުށަހަޅުއްވާފައިވާއިރު، ފޭދޫގެ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ ފޭދޫއަށް ޚާއްސަކުރެވިގެން ކައުންސިލް އުފައްދަން ފެނޭތޯއެވެ.
މި ޤަރާރާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމުން މިމަހުގެ 25 ވަނަ ދުވަހު އެ އިންތިޚާބު ބާއްވަން އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.