ކުޅިވަރު

ޖީބޫޓީ ބަލިކުރުމަށްފަހު އިޖިޕްޓުން ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

ޖީބޫޓީ ބަލިކުރުމަށްފަހު އިޖިޕްޓުން ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

އިބްރާޙިމް އަޑެލްގެ ފުރަތަމަ ގޯލަށްފަހު ސަލާޙްއާއެކު އުފާފާޅުކުރަނީ، ފޮޓޯ: އޭއެފްޕީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 އޮކްޓޯބަރު 2025، 09:01

09 އޮކްޓޯބަރު 2025، 09:01

ޖީބޫޓީ ބަލިކުރުމަށްފަހު މިއަންނަ އަހަރު އޮންނަ ވޯލްޑް ކަޕަށް އިޖިޕްޓުން ކޮލިފައިވެއްޖެއެވެ. 

މޮރޮކޯގެ ކަސަބްލަންކާގައި ރޭ ކުޅުނު މި މެޗުން ފަސޭހަކަމާއެކު ޖިބޫޓީ 3-0އިން ބަލިކުރުމަށްފަހު، ބާކީ އެއް މެޗު އޮއްވައި އިޖިޕްޓުން ވަނީ ގްރޫޕް-އޭގެ އެއްވަނަ ޔަޤީންކޮށްފައެވެ. 

ރޭގެ މެޗުގައި ލިވަޕޫލްގެ ތަރި މުޙައްމަދު ސަލާޙް ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. އޭނާގެ ފުރަތަމަ ގޯލު މެޗުގެ 14ވަނަ މިނެޓުގައި ކާމިޔާބުކުރީ، 8ވަނަ މިނެޓުގައި އިބްރާޙިމް އަޑެލްގެ ގޯލަކުން އެ ޓީމު ލީޑު ނަގާފައި ވަނިކޮށެވެ. އަދި އިޖިޕްޓްގެ ތިންވަނަ ގޯލު ސަލާޙް ކާމިޔާބުކުރީ މެޗު ނިމެން 6 މިނެޓަށްވެފައި ވަނިކޮށެވެ. 

މި މެޗުގައި ކާމިޔާބުކުރި ގޯލުތަކާއެކު، ސަލާޙް ވަނީ މިހާތަނަށް މިފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އިޖިޕްޓަށް 9 ގޯލު ކާމިޔާބުކޮށްފައެވެ. 

މި ނަތީޖާއާއެކު އިޖިޕްޓަކީ އެފްރިކާ ބައްރުން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރި ތިންވަނަ ޓީމެވެ. އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ޖާގަތައް އެފްރިކާ ބައްރުން މިހާތަނަށް ދެން ޔަޤީންކޮށްފައި ވަނީ މޮރޮކޯ އާއި ޓިއުނީޝިއާއެވެ.

މީގެ ކުރިން ތިން ވޯލްޑް ކަޕެއްގައި އިޖިޕްޓުން ވާދަކޮށްފައި ވެއެވެ. ނަމަވެސް 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕަށް އެ ޓީމުން ކޮލިފައިވެފައެއް ނުވެއެވެ. 

ރޭ ވޯލްޑް ކަޕް ކޮލިފައިންގައި އެފްރިކާ ބައްރުގެ ކޮލިފިކޭޝަންގައި ކުޅުނު އިތުރު މެޗުތަކަށް ބަލާލާއިރު، ގާނާއިން ވަނީ މެދުތެރޭ އެފްރިކާގެ ޤައުމެއް ކަމުގައިވާ މެކްނޭސް 5-0އިން ބަލިކޮށްފައެވެ. މި މެޗުގައި ތޯމަސް ޕާޓޭ ގޯލެއް ކާމިޔާބުކޮށްފައިވާއިރު، ވޯލްޑް ކަޕަށް ކޮލިފައިވުމަށް ގާނާއަށް ދެން ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ. އެ މެޗު ކުޅޭނީ ގާނާގައި ކޮމޮރޯސްއާ ދެކޮޅަށެވެ.

މީގެ އިތުރުން، ކޭޕް ވާޑްއިން ވަނީ ދެ ގޯލު ފަހަތުން އަރާ، 3-3އިން ޓްރިޕޮލީގައި ލީބްޔާއާ ދެކޮޅަށް ކުޅުނު މެޗު ހަމަހަމަކޮށް، އެ ޤައުމުން ވޯލްޑް ކަޕުގައި ވާދަކުރުމަށް ކުރަމުން އަންނަ އުއްމީދު އައުކޮށްފައެވެ. ގާތްގަނޑަކަށް 550،000 މީހުންގެ އާބާދީއެއް އޮންނަ ކޭޕް ވާޑްއަށް ވޯލްޑް ކަޕްގައި ވާދަކުރުމުގެ ފުރުސަތު މީގެކުރިން ދުވަހަކު ވެސް ލިބިފައެއް ނުވެއެވެ. ނަމަވެސް މިކަން ބަދަލުކުރުމަށް، އަންނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވުމަށް އެ ޓީމަށް މިހާރު ކުރަން ޖެހިފައި އޮތް ހަމައެކަނި މަސައްކަތަކީ ފަހު މެޗުގައި އެސްވަޓީނީ ބަލިކޮށް، ގްރޫޕްގެ އެއްވަނަ ހޯދުމެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން