ކުޅިވަރު
އޭޝިއަން ކަޕް ކޮލިފައިން: ތަޖިކިސްތާނުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ބަލިކުރުން

ތަޖިކިސްތާނުގެ ކެޕްޓަން އަޙްތަމް ނަޒަރޯވް---
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މިއަދު ދިވެހިރާއްޖެއާ ދެކޮޅަށް ނިކުންނައިރު، ތަޖިކިސްތާނުގެ ހަމައެކަނި ވިސްނުމަކީ ރާއްޖެ ބަލިކުރުން ކަމުގައި، އެ ޓީމުގެ ކެޕްޓަން، އަޙްތަމް ނަޒަރޯވް ބުނެފިއެވެ.
މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން އަޙްތަމް ބުނީ، އިދިކޮޅަށް ނިކުންނަ ކޮންމެ ޓީމަކީ ވެސް އިޚްތިރާމްކުރަންޖެހޭ ޓީމެއް ކަމަށާއި، ނަތީޖާތަކަށް ބަލާއިރު ރާއްޖޭގެ ފެންވަރު ވެސް އެނގޭކަމަށް އޭނާ ބުންޏެވެ.
"އަހަރުމެން މި މެޗާ ކުރިމަތިލަނީ ވަރަށް މުހިންމު ޒިންމާތަކަކާއެކު. ހުރިހާ ކުޅުންތެރިންނަށް ވެސް އިދިކޮޅަށް ނުކުންނަ ޓީމަކީ ކޮންމެ ބައެއްކަން ދެނެގަނެވޭ. (ކޮލިފައިންގައި މިހާތަނަށް ނެރެފައިވާ ކުރީގެ)ނަތީޖާތަކަށް ބަލާފައި އެ މީހުންގެ ހާލަތު ވެސް އެނގޭ. ކޮންމެ ޓީމަކީ ވެސް އިހްތިރާމް ކުރަން ޖެހޭ ޓީމެއް. އަހަރުމެން ކުޅޭނީ ހަމައެކަނި މޮޅުވާން،" ކެޕްޓަން އަޙްތަމް ނަޒަރޯވް ބުންޏެވެ.
މިއަދުގެ މެޗަށް ތަޖިކިސްތާނު ނިކުންނައިރު، އެ ޓީމުގެ ކޯޗަކަށް ކުރިން ހުރި ގެލާ ޝެކިލަޑްޒް ވަނީ މީގެ ފަސް ދުވަސްކުރިން މަޤާމުން ވަކިކޮށްފައެވެ. ގެލާއަކީ 2018ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ އެސިސްޓެންޓް ކޯޗެވެ.

ގެލާ ވަކިކުރުމަށްފަހު ތަޖިކިސްތާނުގެ ޤައުމީ ޓީމާ އަލަށް ހަވާލުވެފައިވަނީ، ކުރިން ގާނާގެ ޤައުމީ ޓީމުގެ ކޯޗެއްގެ މަޤާމުގައި ހުރި ސާރބިއާގެ ގޯރަން ސްޓެވާނޮވިޗްއެވެ.
ތަޖިކިސްތާނުގެ ކެޕްޓަން ބުނީ، އަލަށް ޓީމާ ހަވާލުވި ކޯޗިން ސްޓާފުންނާއެކު ތަމްރީނުތަކުގައި ހުރިހާ ކުޅުންތެރިން ވެސް ދަނީ ވަރަށް ރަނގަޅަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި އަލަށް ހަވާލުވި ކޯޗިން ޓީމުގެ ވިސްނުން ދެނެގަނެވިއްޖެ ކަމަށާއި ކުރީގެ ކޯޗިން ޓީމުގެ ވިސްނުމާއި މިހާރުގެ ކޯޗިން ޓީމުގެ ވިސްނުން ތަފާތު ކަމަށެވެ.
އަމިއްލަ ގައުމުގެ ހިސޯރް ސެންޓްރަލް ސްޓޭޑިއަމުގައި ރާއްޖެއާ ދެކޮޅަށް ތަޖިކިސްތާން ނުކުންނައިރު ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި އެ ގައުމު އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާއެކު ޓޭބަލުގެ އެއްވަނާގަ އެވެ. ރާއްޖެ އޮތީ ކުޅުނު ދެ މެޗުން ވެސް ބަލިވެ ގްރޫޕުގެ ފުލުގައެވެ.
ތަޖިކިސްތާނަކީ ދުނިޔޭގެ ރޭންކިންގައި މިހާރު 104ވަނައަށް އޮތް ޓީމެކެވެ. އަދި ރާއްޖެ އޮތީ އޭގެ 67 ދަރަޖަ ފަހަތުން، 171ވަނައިގައެވެ.