ކުޅިވަރު
ދުނިޔޭގެ ފުރަތަމަ ބިލިޔަނެޔަރ ފުޓުބޯޅަ ތަރިއަކަށް ރޮނާލްޑޯ!

ކްރިސްޓިއާނޯ ރޮނާލްޑޯ.

ފަރުދުން
08 އޮކްޓޯބަރު 2025، 04:50
08 އޮކްޓޯބަރު 2025، 04:50
ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ މާލީ ޙާލަތު ވަޒަންކުރާ ބްލޫމްސްބަރގް ބިލިޔަނެޔަރޒް އިންޑެކްސްއިން، ޕޯޗުގަލާއި އަލް-ނަޞްރަށް ނިސްބަތްވާ މަޝްހޫރު ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މުއްސަނދިކަން ފުރަތަމަ ފަހަރަށް ވަޒަންކޮށްފިއެވެ. މިއާ އެކު، ފުޓުބޯޅަ ކުޅުންތެރީންގެ ތެރެއިން، ދުނިޔޭގެ ފުރަތަމަ ބިލިޔަނެއަރ ކުޅުންތެރިއަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެ ކަމަށް ބްލޫމްސްބަރގްއިން ހާމަކުރިއެވެ.
މި ވަޒަންކުރުމުގައި ރޮނާލްޑޯއަށް ފުޓުބޯޅައިން ލިބޭ އާމްދަނީގެ އިތުރުން އެހެނިހެން އިންވެސްޓްމެންޓްތައް ހިމަނާފައިވާ އިރު، ރޮނާލްޑޯގެ ޖުމުލަ މުއްސަނދިކަން 1.4 ބިލިޔަން ޔޫ.އެސް. ޑޮލަރަށް އަރާ ކަމަށް ބްލޫމްސްބަރގްއިން ވަނީ ޢާންމުކޮށްފައެވެ.
ބްލޫމްސްބަރގްއިން ޝާއިޢުކޮށްފައިވާ ގޮތުގައި، 2002ވަނަ އަހަރާއި 2023ވަނަ އަހަރާ ދެމެދު ރޮނާލްޑޯއަށް 550 މިލިޔަން ޑޮލަރަށް ވުރެ ގިނައިން އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ. މީގެ އިތުރުން، 10 އަހަރުގެ މުއްދަތަކަށް މަޝްހޫރު ބޫޓު ކުންފުނި ނައިކީއާ އެކު އޭނާ ވި އެއްބަސްވުމެއްގައި، އަހަރެއްގެ މައްޗަށް 13.4 މިލިޔަން ޑޮލަރު ލިބެމުން އައިސްފައިވާ ކަމަށް ވެސް ބްލޫމްސްބަރގްގެ ހޯދުންތަކުން ދައްކައެވެ.
2022ވަނަ އަހަރު ރޮނާލްޑޯ ސަޢޫދީގެ އަލް-ނަޞްރް ޓީމާ ގުޅުމުން، މުޅި ފުޓުބޯޅައިގެ ތާރީޚުގައި ވެސް އެންމެ ގިނަ ޢަދަދެއްގެ ފައިސާ ލިބިފައިވާ ކުޅުންތެރިޔާއަށް ރޮނާލްޑޯ ވަނީ ވެފައެވެ. މި ގޮތުން، އަލް-ނަޞްރުގައި އޭނާއަށް 117 މިލިޔަން ޔޫރޯގެ އަހަރީ މުސާރައެއް ލިބެއެވެ.
އަލް-ނަޞްރާ އެކު ރޮނާލްޑޯ ސޮއިކުރި އެއްބަސްވުން މި އަހަރުގެ ޖުލައި މަހަށް ހަމަވާ ގޮތަށް އޮތްވައި، 400 މިލިޔަން ޑޮލަރުގެ އައު އެއްބަސްވުމެއްގައި އިތުރު ދެ އަހަރަށް އޭނާ ވަނީ ސޮއިކޮށްފައެވެ. މިއާ އެކު، ރޮނާލްޑޯގެ 42ވަނަ އުފަންދުވަސް ފަހަނަ އަޅައި ދާ އިރުގައި ވެސް އޭނާ އަލް-ނަޞްރް ކްލަބުގައި ހުންނާނެއެވެ.
ބްލޫމްސްބަރގްއިން ކުރި ދިރާސާއިން ހާމަވާ ގޮތުގައި، ލިއޮނެލް މެސީއަށް ފުޓުބޯޅައިގައި ލިބިފައިވަނީ 600 މިލިޔަން ޑޮލަރުގެ އާމްދަނީއެކެވެ. މި ޢަދަދުގެ ތެރޭގައި 2023ވަނަ އަހަރުން ފެށިގެން މެސީއަށް ލިބޭ 20 މިލިޔަން ޑޮލަރުގެ އަހަރީ މުސާރަ ހިމެނޭ އިރު، މިއީ ރޮނާލްޑޯއަށް ހަމަ މި މުއްދަތުގައި ލިބުނު މުސާރައިގެ އެންމެ 10% ކަމަށް ބްލޫމްސްބަރގްއިން ބުނެއެވެ.