Ads by Stelco

ޚަބަރު

ވަޒީރުންގެ މާލީ ބަޔާން ހުށަހެޅުން ލާޒިމުކުރާ އިސްލާޙު މަޖިލީހަށް ބަލައިގެންފި

ވަޒީރުންގެ މާލީ ބަޔާން ހުށަހެޅުން ލާޒިމުކުރާ އިސްލާޙު މަޖިލީހަށް ބަލައިގެންފި

ރައްޔިތުންގެ މަޖިލިސް---

farudhun logo

ފަރުދުން

07 އޮކްޓޯބަރު 2025، 09:27

07 އޮކްޓޯބަރު 2025، 09:27

ކެބިނެޓުގެ ވަޒީރުންގެ މާލީ ބަޔާން ވަކިމުއްދަތެއްގެ ތެރޭގައި ހުށަހެޅުމަށް ލާޒިމުކުރާ ގޮތަށް ޤާނޫނު އަސާސީއަށް ހުށަހެޅި އިސްލާޙު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ޤާނޫނުއަސާސީއަށް މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާޙީމްއެވެ. މި ބިލް މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވި 59 މެންބަރުންގެ އިއްތިފާގުންނެވެ. 

ބިލު މަޖިލީހަށް ބަލައިގަތް ނަމަވެސް މިއަދުގެ ޖަލްސާގައި ބަހުސަށް ހުޅުވާލުމުން އެއްވެސް މެންބަރަކު ބަހުސްގައި ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ޤާނޫނުއަސާސީގެ 138 ވަނަ މާއްދާގައި ބުނާގޮތުން، ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހެޅުން ލާޒިމެވެ. ނަމަވެސް އެ ބަޔާން ހުށަހަޅަން ޖެހޭ ވަކިމުއްދަތެއް ޤާނޫނުގައި ކަނޑައަޅާފައެއް ނުވެއެވެ.

މެންބަރު މުޙައްމަދު އިބްރާޙީމް ހުށަހެޅުއްވި އިސްލާހުގައިވާ އަހަރަކީ ވަޒީރުންގެ މަޖިލީހުގެ މަޤާމާ ހަވާލުވާ ތާރީޙުން ފެށިގެން އެއް އަހަރުދުވަސް ހަމަވާ ތާރީހެވެ. އެއް އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ ބަޔާން ރައްޔިތުންގެ މަޖިލީހާއި އޮޑިޓާރ ޖެނެރަލަށް ހުށަހަޅަންޖެހޭނެ ކަމަށް އިސްލާހުގައިވެއެވެ.

މީގެ އިތުރުން، އެ ބަޔާނަކީ އިންސްޓިޓިއުޓް އޮފް ޗާޑަށް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންޖެހެއެވެ. 

އަދި ބަޔާން ހުށަނާޅައިފިނަމަ، ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް ވަޒީރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ އަދަދު ކެނޑުމަށް ވެސް އެ އިސްލާޙުގައި ހިމަނާފައިވެއެވެ. 

މީގެ އިތުރުން ވަޒީރުން މަގާމާ ހަވާލުވިއިރު އޭނާގަށް ލިބިފައިވާ އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާޢި އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މުދަލާއި ފައިސާގެ ބަޔާޏެއް މަގާމާ ހަވާޅުވާ ތާރީހުން ފެށިގެން 30 ދުވަސް ތެރޭގައި ރައްޔިތުންގެ މަޖިލީހާޢި އޮޑިޓާ ޖެނެރަލަށް ހުށަހެޅުމަށްވެސް އިސްލާހުގައި ހިމަނާފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން