ޚަބަރު
ފުލުހުންނަށް އިންޒާރުދިން ކަމުގެ ތުޙުމަތުގައި ޒަހިއްޔާގެ ފޯނު ހިފަހައްޓައިފި

ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައި ވަނީ ޒަހިއްޔާގެ ފޯނު، ފޮޓޯ: އެމްޑީޕީ

ފަރުދުން
07 އޮކްޓޯބަރު 2025، 08:35
07 އޮކްޓޯބަރު 2025، 08:35
ފޭސްބުކް ޕޯސްޓެއްގައި ފުލުހުންނަށް ރައްދުވާގޮތަށް އިންޒާރުދީފައިވާކަމުގެ ތުޙުމަތުގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ މެމްބަރު އަދި ހުޅުމާލެ އުތުރު ދާއިރާގެ ރައީސް، ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު މިއަދު ހިފަހައްޓައިފިއެވެ.
އެމްޑީޕީގެ ޤާނޫނީ ވަކީލު، އަޙުމަދު މަޢުރޫފް 'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޒަހިއްޔާގެ ފޯނު ފުލުހުން ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ އަމުރުގައި ބުނެފައިވާގޮތުން، އެ މައްސަލަ ގުޅިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 23:08ހާއިރު ޒަހިއްޔާ ފޭސްބުކްގައި ކުރި ޕޯސްޓަކާއެވެ. އަދި ފޯނު ހިފެހެއްޓީ އެ މައްސަލައާ ގުޅިގެން ހެކި ހޯދުމަށްކަމަށް އެ އަމުރުގައި ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް އެނގިފައިވާ ގޮތުގައި، މި މައްސަލައިގައި ކޯޓު އަމުރެއް ނެރެފައި ވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެންނެވެ. އަދި އަމުރު ހިނގާނީ 72 ގަޑިއިރަށްކަމަށް ވެސް އެ އަމުރުގައި އޮތެވެ.
ޒަހިއްޔާގެ މި ޕޯސްޓަކީ، އެމްޑީޕީއިން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި އެއްވުމަށްފަހު ކޮށްފައިވާ ޕޯސްޓެކެވެ. އެ އެއްވުމުގައި ފުލުހުންނާއި އާންމުންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ވެސް ހިނގާފައެވެ.
އެ އެއްވުމުގެ ކުރިން ފުލުހުން ވަނީ، އެއްވުމުގައި ހަމަނުޖެހުން ހިންގަން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެކަމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެއްވުމުގެ ބައިވެރިން ހުއްދަ ދީފައިވާ މަގު ނޫން އެހެން މަގަކުން ދާން އުޅުމުން އެ މީހުން ހުއްޓުވައި ތަކުރާރުކޮށް ޕެޕާ ސްޕްރޭ ޖަހައި، ބާރު އަޑު ފޮނުވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކޮށްފައިވެއެވެ.
މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން އެޅި ފިޔަވަޅުތައް އެ މުއައްސަސާއިން ދިފާޢުކޮށްފައިވާއިރު، ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އަޅާ ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު، އޮނަރަބަލް ޢަލީ އިޙްސާން ވަނީ ވިދާޅުވެފައެވެ.
ހަމަ މި މައްސަލައިގައި ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނީ، ޤާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެ އޮފިސަރުންގެ ޢާއިލާއަށް ނަފްރަތު އުފެދޭ ގޮތަށާއި އެ އޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް ޢަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާމެދު ފިޔަވަޅު އަޅާނެކަމަށެވެ.
އަދި ޤާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ ޢަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ ޢަމަލަކުން ހުއްޓުވަން މަސައްކަތްކުރި ނަމަވެސް، އެއީ ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭނެކަންކަން ކަމުގައި ފާހަގަކޮށްފައިވެއެވެ.