ޚަބަރު
އެމްއެމްބީސީގައި މީޑިއާތައް ތަމްސީލުކުރާ ހަތަރު މެމްބަރުން އިންތިޚާބަކާ ނުލާ ހޮވިއްޖެ

އިލެކްޝަންސް ކޮމިޝަނުން ބޭއްވި އިންތިޚާބެއްގެ ތެރެއިން---
މިދިޔަ މަހު ތަސްދީޤުކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން މިދިޔަ މަހުގެ 19ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ)އަށް މީޑިއާތައް ތަމްސީލުކުރާ ހަތަރު މެންބަރުން އިންތިޚާބަކާ ނުލާ ހޮވިއްޖެއެވެ.
އެމްއެމްބީސީއަށް މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ކުރިޔަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި އޮތީ މި މަހުގެ 11ވަނަ ދުވަހެވެ.
ނަމަވެސް، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ހޮވުމަށް ހަމަޖެހިފައިވާ ދެ މަޤާމަށް ކުރިމަތިލި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެއްގެ ނަން އަނބުރާ ގެންދިއުމާ ގުޅިގެންނާއި، އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު ހަމަވިއިރު، އެ މަޤާމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ޝަރުޠުހަމަވާ 2 ކެންޑިޑޭޓުންކަމުން، އިންތިޚާބަކަށް ނުގޮސް މީޑިއާތަކުން އިންތިޚާބުކުރަން ޖެހޭ މަޤާމުތަކަށް މެމްބަރުން މިވަނީ އިންތިޚާބުވެފައެވެ.
ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބުވި ފަރާތްތައް:
- ޢަބްދުލްޢަޒީޒް އިބްރާހީމް، މޫނިމާގެ / ށ. ފޭދޫ
- ޒަމްޢަތު އަޙްމަދު ވަޙީދު، މަލަ / ގދ. ތިނަދޫ
މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބުވި ފަރާތްތައް:
- ސިމާޙާ ނަސީމް، ވެލީގެ / ގދ. ރަތަފަންދޫ
- ޙުސައިން ޘަޤީފް، ހިސާން / ހދ. ވައިކަރަދޫ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގައި ބުނާ ގޮތުން، އެމްއެމްބީސީގައި 7 މެމްބަރުން ތިބޭނެއެވެ. އޭގެ ތެރެއިން މީޑިއާތައް ތަމްސީލުކުރާ 4 މެންބަރުން އިންތިޚާބުކުރަން ޖެހޭއިރު، ބާކީ ތިބޭ 3 މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރުންތަކެކެވެ.
ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުން ކަނޑައެޅެނީ، އެ ޤާނޫނުގެ 19ވަނަ މާއްދާގައި ބުނާ ގޮތުން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް އިޢުލާންކުރުމަށްފަހު، ރައްޔިތުންގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.