Ads by Stelco

ޚަބަރު

ގުރުއަތުގައި ބައިވެރިނުވާ ފަރާތްތަކަށް ގެދޮރުވެރިޔާ ފްލެޓްތަކުގެ ގުރުއަތު މާދަމާ ނަގަނީ

ގުރުއަތުގައި ބައިވެރިނުވާ ފަރާތްތަކަށް ގެދޮރުވެރިޔާ ފްލެޓްތަކުގެ ގުރުއަތު މާދަމާ ނަގަނީ

ގެދޮރުވެރިޔާ ފްލެޓް ފޮޓޯ: މިހާރު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޮކްޓޯބަރު 2025، 05:54

07 އޮކްޓޯބަރު 2025، 05:54

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ގުރުއަތުގައި ބައިވެރިވެފައިނުވާ ފަރާތްތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ލިބޭ ފްލެޓްތައް ކަނޑައެޅުމަށް ގުރުއަތު ނެގުން މާދަމާ ބާއްވަން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. މި ގުރުއަތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 3:00 ގައި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގައެވެ.

ވުޒާރާއިން ވިދާޅުވީ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގައި، ފްލެޓް ލިބުމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، 73 އިން ފެށިގެން މަތިން މާރކްސް ލިބި 2 ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތަކާއި، 76އަށް ވުރެ މަތިން މާރކްސް ލިބި 3 ކޮޓަރީގެ ފުލެޓް ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގާފައިނުވާ ފަރާތްތައް މި ގުރުއަތުގައި ހިމެނޭނެ ކަމަށެވެ. މީގެ އިތުރުން، ދެމަފިރިންނަށް ވަކިން ފްލެޓްލިބޭ ޙާލަތުގައި، ދެމަފިރިންގެ ތެރެއިން އެއްފަރާތުން ފްލެޓް ދޫކޮށްލުމަށްފަހު، ފްލެޓް ލިބޭ އަދި ގުރުއަތު ނަގާފައިނުވާ ފަރާތްތައްވެސް ހިމެނޭނެ ކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ.

މި ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދާނީ އެކަމަށް ކަނޑައަޅާފައިވާ ވުޒާރާގެ މުވައްޒަފުންނެވެ. ގުރުއަތު ނެގުމުން އެފަރާތްތަކަށް ލިބޭ ފުލެޓް ނަންބަރު ގެދޮރުވެރިން ޕޯޓަލްއިން އަޕްޑޭޓްކުރާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. އަދި، މި މުހިންމު ހަރަކާތް އާންމުންނަށް ސީދާ ބަލާލެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. ގުރުއަތު ނެގުން ޕީއެސްއެމްއާއި، އެ ވުޒާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވަގުތުން ބްރޯޑްކާސްޓްކުރާނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލައި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފަރާތުން ދަނީ ކުރިއަށް ގެންދަމުންނެވެ.

މި ސްކީމްގެ ފްލެޓްތައް ލިބޭ މީހުންގެ ވަގުތީ ލިސްޓު ކުރީ ސަރުކާރުން އާންމުކޮށް، ޝަކުވާއަށް ހުޅުވާލައި ދާއިމީ ލިސްޓު ނެރުނީ 2023 ނޮވެމްބަރު 15 ގައެވެ. އެހެންނަމަވެސް، މި ލިސްޓާ ގުޅިގެން ގިނަ ޝަކުވާތަކެއް އޭސީސީއަށް ހުށައެޅުނެވެ. އޭސީސީން އޭރު ހާމަކުރިގޮތުގައި ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް %70 މީހުން ފްލެޓަށް ޝަރުތުހަމަނުވެއެވެ.

މި ސަރުކާރުން ވަނީ އޭސީސީގެ ލަފަޔާއެކު ޚާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ މައްސަލަތައް ބައްލަވައިފައެވެ. އެގޮތުން، ފްލެޓް ލިބޭނެކަމަށް ކުރިން ކަނޑައެޅި 2180 މީހުން ޝަރުތު ހަމަނުވާކަމަށް އެ ކޮމިޓީންވެސް ނިންމިއެވެ. ސަރުކާރުން ކުރިއަށްގެންދިޔަ ލިސްޓް އިވެލުއޭޝަން މަސައްކަތުގައި 4939 ފޯމު ބަލާފައިވެއެވެ.

މައްސަލައެއް ނެތި، ޝަރުތު ހަމަވާ ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީ މެދުވެރިކޮށް އަންނަނީ ކުރަމުންނެވެ. މިގޮތުން 3164 ފަރާތަކާއެކު މިހާތަނަށް އެއްބަސްވުން އެކުލަވާލައި، ޑިޕޮސިޓް ދެއްކުމުން ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން