ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް ޖަޕާނުގެ ސަފީރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޒިޔާރަތުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ އަރިހަށް ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ، އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދުގެ ޒިޔާރަތުގައި، ދެޤައުމުގެ މެދުގައި އޮތް ގާތް އަދި، ދެމިގެންދާ ގުޅުމުގެ މައްޗަށް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. ހަމަ އެހެންމެ، މިއަހަރަކީ ދެޤައުމުގެ ސިޔާސީ ގުޅުމަށް 58 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވައި، މިގުޅުން އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް ދެބޭފުޅުންވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) މެދުވެރިކޮށް، ރާއްޖޭގައި ތަމްރީނާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމާއި ތަޢުލީމީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ މައްޗަށް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން، މިހާރުވެސް ރާއްޖޭގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ ޖަޕާން އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރޒް (ޖޭއޯސީވީ) އިން ސްޕެޝަލައިޒްޑް އެޑިއުކޭޝަނާއި ފިޒިކަލް އެޑިއުކޭޝަންގެ ދާއިރާތަކުން މިހާރު ކުރަމުންދާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ޖަޕާނު ސަރުކާރުން މިފަދަ މަޝްރޫޢުތަކާއި، ރާއްޖޭގެ އުމްރާނީ، މުވާސަލާތީ، އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ސަފީރު ވަނީ، ރާއްޖޭގެ ތަރައްޤީގައި ޖަޕާނުން ބައިވެރިވަމުންދާނޭކަމުގެ ޔަޤީންކަން ތަކުރާރުކުރައްވައި، ތަޢުލީމާއި، އިޖްތިމާޢީ ދާއިރާތަކުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވާފައެވެ.