Ads by Stelco

ޚަބަރު

ހުޅުމާލެ ސާފުކުރުމުގެ ހަރަކާތުން 2 ޓަނަށްވުރެ ގިނަ ކުނި ނަގައިފި!

ހުޅުމާލެ ސާފުކުރުމުގެ ހަރަކާތުން 2 ޓަނަށްވުރެ ގިނަ ކުނި ނަގައިފި!

ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ފޮޓޯ: އެޗްޑީސީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

07 އޮކްޓޯބަރު 2025، 01:26

07 އޮކްޓޯބަރު 2025، 01:26

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން މިދިޔަ ހުކުރު ދުވަހު ހުޅުމާލޭގެ ގޮނޑުދޮށާއި މޫދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތުން ޖުމްލަ 2،122.7 ކިލޯގެ ކުނި ނަގައިފައިވާކަމަށް އެޗްޑީސީން މިއަދު ހާމަކޮށްފިއެވެ.

ބައިނަލްއަގުވާމީ ވޯލްޑް ކްލީން އަޕް ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ހުޅުމާލޭގެ ފޭސް 1 އާއި ފޭސް 2 ގެ ބީޗް ގުޅޭ ބްރިޖު ސަރަހައްދާއި، ގޮނޑުދޮށާއި، ހޭޅިފަށުގެ އިތުރުން މޫދުވެސް ސާފުކޮށްފައިވެއެވެ. ނެގުނު ކުނީގެ ތެރޭގައި 252.7 ކިލޯގެ ރިސައިކަލް ކުރެވޭ ޕްލާސްޓިކް، 115 ކިލޯގެ އެހެނިހެން ޕްލާސްޓިކް، 63 ކިލޯގެ މެޓަލް އަދި އެލުމިނިއަމް، 52 ކިލޯގެ ބިއްލޫރި އަދި 1،640.2 ކިލޯގެ އެހެނިހެން ކުނި ހިމެނެއެވެ.

އެޗްޑީސީން ބުނީ މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއެކު، ހުޅުމާލޭގެ މޫދު ސާފުކޮށް ބެލެހެއްޓުން ކަމަށެވެ. މި ހަރަކާތުގައި އެކިއެކި އެންޖީއޯތަކާއި، މިނިސްޓްރީތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބައިވެރިވެފައިވެއެވެ.



އެޗްޑީސީން އިތުރަށް ހާމަކުރި ގޮތުގައި، ކުރިއަށް އޮތް އަހަރު މި ހަރަކާތް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަކީ އެ ކުންފުނީގެ އަމާޒެކެވެ. އަދި ކުނިތައް ސެގްރެގޭޓްކުރުމަށް މޮޕާ މޯލްޑިވްސް، ޕާރލޭ އަދި ރިޕަލް އެފެކްޓުން ވެދިން އެހީތެރިކަމަށް އެޗްޑީސީން ޝުކުރު އަދާކޮށްފައިވެއެވެ.

މި ހަރަކާތަކީ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، މިފަދަ ހަރަކާތްތަކުން އާންމުންގެ ހޭލުންތެރިކަން އިތުރުވެ، ދިވެހިރާއްޖޭގެ ރީތި ގޮނޑުދޮށްތައް ސާފުތާހިރުކޮށް ބެލެހެއްޓުމަށް އެހީތެރިވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން