ޚަބަރު
އދ. ހަންޏާމީދޫ ވޮލީކޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ޢަމަލީ މަސައްކަތް ފެށުން/ފޮޓޯ: ރައީސް އޮފީސް
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ވޮލީކޯޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.
ހަންޏާމީދޫ ވޮލީކޯޓުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އެރަށުގެ ވޮލީކޯޓުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު، އޮނަރަބަލް ޢަބްދުﷲ ރާފިޢުއެވެ. އެރަށުގެ ވޮލީކޯޓުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި، ދައުލަތުގެ ވަޒީރުންނާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރާއި، ހަންޏާމީދޫ ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ހަންޏާމީދޫގައި ވޮލީކޯޓެއް ތަރައްޤީކުރުމަކީ، އެރަށުގެ ޒުވާނުން ނުހަނު ބޭނުންވާ ކަމަކަށް ވާއިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެރަށެއްގެ ރައްޔިތުން ބޭނުންވާ ކުޅިވަރުތައް ކުޅުމަށް، ފެންވަރު ރަނގަޅު ކޯޓުތައް އަޅުއްވައިދެއްވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އެގޮތުން، މި ސިޔާސަތުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ވޮލީކޯޓުތަކާއި، ފުޓްސަލް ދަނޑާއި، ހޭންޑްބޯޅަ ކޯޓުތައް އެޅުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ ހަންޏާމީދޫ ވޮލީ ކޯޓު މަޝްރޫޢުގެ ތެރޭގައި ޓާފް އެޅުމާއި، އިކުއިޕްމެންޓް ހަރުކުރުން ވެސް ހިމެނެއެވެ.