Ads by Stelco

ޚަބަރު

އަރިއަތޮޅު ދެކުނުބުރީ ފޮފަޅަގައު ފަޅަކީ، އެ އަތޮޅު ކުނބުރުދޫ ގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި

އަރިއަތޮޅު ދެކުނުބުރީ ފޮފަޅަގައު ފަޅަކީ، އެ އަތޮޅު ކުނބުރުދޫ ގެ ބައެއް ކަމުގައި ރައީސް ކަނޑައަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޮކްޓޯބަރު 2025، 01:03

07 އޮކްޓޯބަރު 2025، 01:03

އަރިއަތޮޅު ދެކުނުބުރީ ފޮފަޅަގައު ފަޅަކީ، އެ އަތޮޅު ކުނބުރުދޫ ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައިވަނީ، އދ. ކުނބުރުދޫ ރައްޔިތުން ހުށަހަޅައިފައިވާ ހުށަހެޅުމަކާއި ގުޅިގެން އެކަން ދިރާސާކުރެއްވުމަށް ފަހުއެވެ.

އެގޮތުން، އަރިއަތޮޅު ދެކުނުބުރީ ކުނބުރުދޫގައި ހުރި ބިމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ މަގުފަހިކުރުމަށާއި، ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ގެނެއުމުގެ ގޮތުން އެ އަތޮޅު "ފޮފަޅަގައު" (ކޯޑު ނަންބަރު 1185 RF) ފަޅު ބޭނުންކުރެވިދާނެ ކަމަށް އދ. ކުނބުރުދޫ ރައްޔިތުން ހުށަހަޅައިފައިވާ ގޮތަށް، އަރިއަތޮޅު ދެކުނުބުރީ ފޮފަޅަގައު ފަޅަކީ، އެ އަތޮޅު ކުނބުރުދޫ ގެ ބައެއް ކަމުގައި އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ.

އެމަނިކުފާނު މިފަދައިން ނިންމެވުމާއި ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ ދަށުން، 2025 ފެބުރުއަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2025/2 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައި، އެ ޤަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަދާހަމަކުރައްވާފައެވެ.

ކުނބުރުދޫގެ އިޚްތިޞާޞްގައި  މި ފަޅު ހިމަނުއްވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނަށް ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން