ޚަބަރު
ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅާ ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން: ދާޚިލީ ވަޒީރު

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު، އޮނަރަބަލް ޢަލީ އިޙްސާން / ފޮޓޯ: މިހާރު

ފަރުދުން
07 އޮކްޓޯބަރު 2025، 07:48
07 އޮކްޓޯބަރު 2025، 07:48
ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އަޅާ ފަރާތްތަކާމެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު، އޮނަރަބަލް ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މި މަހުގެ 3ވަނަ ދުވަހުގެރޭ، އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އިސްނަގައިގެން މާލޭގައި ކުރިޔަށް ގެންދިޔަ އެއްވުމަށްފަހު، ވަކިވަކި ފުލުހުންނަށް އަމާޒުކޮށް ސޯޝަލް މީޑިއާ އާއި އެހެނިހެން މަންސަތަކުގައި ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވަމުންނެވެ.

ވަޒީރު ވިދާޅުވީ، ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމުން، އެކަމާ ނުރުހުންވެ ސިޔާސީ މަންފާ ހޯދުމަށް ކުރިޔަށް ގެންދާ އެފަދަ ކަންކަމަކީ ވަރަށް ފިނޑިކަންކަން ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ދިވެހި ފުލުހުން ޤާނޫނީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމަށް ނުވަތަ ޤާނޫނީ ވާޖިބު އަދާކުރި ގޮތާއިމެދު ނުރުހުންވެ އެ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާއަށް ބިރު ދެއްކުމުގެ ނިޔަތުގައި ސިޔާސީ ފަރާތްތަކުން ހިންގާ ފިނޑި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން."
"އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ފުލުހުން ވާޖިބު އަދާކުރާ ގޮތާއިމެދު ޚިޔާލުތަފާތުވާ ޙާލަތްތަކުގައި ޤާނޫނީ އިމުގެ ތެރެއިން އެކަންކަން ބެލެން އޮންނާނެ ކަމުގައެވެ.
ހަމަ މި މައްސަލައިގައި ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނީ، ޤާނޫނު ތަންފީޒުކުރާ އިދާރާގެ މުވައްޒަފެއް، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ގޮތުން އެ އޮފިސަރަކަށް ނިސްބަތްކޮށް، އާންމު ރައްޔިތުންގެ މެދުގައި ވަކިވަކި އޮފިސަރުންނާއި އެ އޮފިސަރުންގެ ޢާއިލާއަށް ނަފްރަތު އުފެދޭ ގޮތަށާއި އެ އޮފިސަރެއްގެ އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރު ކުރާގޮތަށް އަދި އޭނާއަށް ބިރު ހީވާގޮތަށް އެއްވެސް ޢަމަލެއް ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށް ނަމަވެސް، ހިންގައިފިނަމަ، އެފަދަ ފަރާތަކާމެދު ފިޔަވަޅު އަޅާނެކަމަށެވެ.
އަދި ޤާނޫނު ހިންގުމަށް ހުރަސް އެޅުމަށް ކުރާ ޢަމަލަކީ، މާއްދީގޮތުން ހުއްޓުވައިގެން އަދި އެނޫން ގޮތަކުން ހުރަސްތަކެއް ކުރިމަތިކުރުވައިގެން ކުރާ ޢަމަލަކުން ހުއްޓުވަން މަސައްކަތްކުރި ނަމަވެސް، އެއީ ޤާނޫނީ ގޮތުން ފިޔަވަޅު އެޅޭނެކަންކަން ކަމުގައި ފާހަގަކޮށްފައިވެއެވެ.