ޚަބަރު
އަންހެން ފުލުހުންގެ ޚިދުމަތާއި ކުރިއެރުމާ ގުޅޭ ސަމިޓު ކާމިޔާބުކަމާއެކީ ނިންމާލައިފި

"މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025"ގެ ނިންމުމުގެ ރަސްމިއްޔާތު، ފޮޓޯ: ޕީއެސްއެމް
ދިވެހިރާއްޖޭގައި މުޅިން އަލަށް ބޭއްވި، އަންހެން ފުލުހުންގެ ޚިދުމަތާއި ކުރިއެރުމާއި ގުޅޭ ސަމިޓު ކާމިޔާބުކަމާއެކީ ނިންމާލައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށް، އަންހެން ފުލުހުންގެ ލީޑަޝިޕް އިތުރުކުރުމަށް، "މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ސަމިޓް 2025"ގެ ނަމުގައި ކުރިޔަށްގެންދިޔަ ސަމިޓެކެވެ.
މި މަހުގެ 4އިން ފެށިގެން ކްރޮސްރޯޑްސްގައި ކުރިޔަށް ގެންދިޔަ މި ސަމިޓު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ މޯލްޑިވަސް އެއަރޕޯޓް ކޮންޕެނީ ލިމިޓެޑްގެ ޗެއަރޕަރސަން އައިޝާ ނޫރައިން ޖަނާޙްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޗެއަރޕަރަސަން ނޫރައިން ވިދާޅުވީ ރާއްޖޭގެ އެކި ދާއިރާތަކުގައި މިހާރުވެސް ހުނަރުވެރި ޤާބިލް ކަނބަލުން މަސައްކަތްކުރައްވާކަމަށެވެ. ނަމަވެސް އަންހެނުންގެ ބައިވެރިވުން އެއަށްވުރެ އިތުރުކުރުމަށް ފިރިހެނުންނާއި، މުޅި މުޖްތަމައުގެ އެއްބާރުލުން ބޭނުންވާކަމަށް ވިދާޅުވިއެވެ.
ދިވެހި އަންހެންނަކީ މިހާރުވެސް ބާރުވެރިވަމުން އަންނަ ބައެއް. އަންހެނުންގެ ދައުރު ފުޅާކުރުމަށް އިތުރު ފުރުސަތުތައް އިތުރުކުރަންޖެހޭ. ފުރުސަތުތަކާއި އެއްބާރުލުން ޗެމްޕިއައިން ވުމެންގެ ގޮތުގައި ގެންދަންޖެހެނީ. އެމްޕަރ ވަރަށް ގިނަ ބޭފުޅުން އެބަ އުޅުއްވާ އެކި ދާއިރާގައި މަތީ ފެންވަރަށް ކިޔަވާގެން އެކްޕީރިއެންސް ހުރި ބޭފުޅުން. އެބަލަންޖެހޭ އެދާއިރާގެ އެންމެ ކުރިއަށް ގެންދެވޭނީ.
މޯލްޑިވަސް އެއަރޕޯޓް ކޮންޕެނީ ލިމިޓެޑްގެ ޗެއަރޕަރސަން އައިޝާ ނޫރައިން ވިދާޅުވިއެވެ.
މި ސަމިޓުގައި ތަންފީޒީ ދާއިރާއިން 50އަށްވުރެ ގިނަ އޮފިސަރުން ބައިވެރިވެއެވެ. އޭގެތެރޭގައި ސެކިއުރީ އެންޑް ލޯ އެންފޯސްމަންޓްގައި ރާއްޖޭގައި މަސައްކަތްކުރާ 7 އިދާރާއަކާއި ބައިނަލްއަޤްވާމީ އެކި އިދާރާތަކާ ޤައުމުތައް ހިމެނޭހެން 10 ޕާޓްނަރުން ވެސް ހިމެނެއެވެ.
އަދި މި ސަމިޓްގައި މި ދާރާއިގައި ހަރަކަތްތެރިވާ އަންހެން ފުލުހުންނާއި ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންނާއި، އެހެނިހެން އިދާރާތަކުގައި މަސައްކަތްކުރާ އަންހެން ބޭފުޅުންގެ މަސައްކަތްތެރިކަމުގެ ހުނަރުތައް ތަރައްޤީކުރުމާއި އެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި އެކަންކަމަށް ޙައްލު ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރިޔަށްގެންގޮސްފައި ވެއެވެ. މީގެ އިތުރުން ތަޙުޤީގުކުރުމާއި ޓެކްނިކަލް ދާއިރާތަކާއި އިންޓެލިޖެންސްގެ ދާއިރާއިން ސެޝަންތައް ކުރިއަށްގެންދިޔައެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކާއި އިދާރާތަކުގެ މަސައްކަތުގެ ތަޖުރިބާއާ ހުނަރުތައް ޙިއްސާކޮށް ތަރައްޤީކުރުމާ ގުޅޭގޮތުންވެސް މަޢުލޫމާތު ޚިއްޞާކޮށްފައި ވެއެވެ.
ރާއްޖޭގައި ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދަޢުރު ފުޅާކޮށް، އަންހެން ފުލުހުންނަށް ފަހިކޮށްދޭ ފުރުޞަތުތައްވެސް ވަނީ ވަރަށްބޮޑަށް އިތުރުކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ މަރޗް މަހު، ފުރަތަމަ ފަހަރަށް ވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކަން 3 އަންހެން ފުލުހަކު ޕްރޮމޯޓްކުރައްވާފައެވެ. އަދި ފުލުހުންގެ އެކި ބަހާތަކުގައި ތަފާތުކުރުމެއްނެތި އަންހެން ފުލުހުންނަށް ކުރިއަރާ ދިއުމުގެ ފުރުޞަތުތައް ދަނީ ފަހިކޮށްދެމުންނެވެ.
ފުލުހުންގެ ޚިދުމަތުގައި އަންހެނުންގެ ދައުރު ފުޅާކޮށް ކުރިއެރުވުމުގެ ގޮތުން 2021ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހު ވަނީ ވިމަން އިން ޕޮލިސިންގެ ނަމުގައި ކޮމިޓީއެއް ވެސް އުފައްދަވާފައެވެ.