Ads by Stelco

ޚަބަރު

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތް ބަދަލުކުރަން ވޯޓު ނެގުމަށް ރައީސް ޤަރާރަކުން ނިންމަވައިފި

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތް ބަދަލުކުރަން ވޯޓު ނެގުމަށް ރައީސް ޤަރާރަކުން ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 އޮކްޓޯބަރު 2025، 02:13

06 އޮކްޓޯބަރު 2025، 02:13

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި، މީދޫއާއި، އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން މިއަދު ނިންމަވައިފިއެވެ.

އެމަނިކުފާނު މިގޮތަށް ނިންމެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުންނެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި މި 3 ރަށުގެ ރައްޔިތުންގެ މެދުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން އެ ރަށްރަށުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށް އެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅައިފައިވާތީ، އެކަމުގައި ރައްޔިތުންގެ ޚިޔާލުހުރި ގޮތެއް ހޯދުމަކީ މުހިންމު ކަމެއްކަމަށް ސަރުކާރަށް ފެންނާތީއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ދަށުން 3 ރަށުގެ ރައްޔިތުންގެ މެދުގައި ވޯޓު ނެގުމަށް ސުވާލުތައް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން، ހުޅުދޫ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ އެ ރަށަށް ޚާއްސަކުރެވިގެން ކައުންސިލް އުފައްދަން ފެނޭތޯ ނުވަތަ ހުޅުދޫއާއި މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯއެވެ.

މީގެ އިތުރުން، މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ރައީސް ހުށަހެޅުއްވާފައިވަނީ މީދޫއަށް ޚާއްޞަކުރެވިގެން، ކައުންސިލް އުފައްދަން ފެނޭތޯ ނުވަތަ ހުޅުދޫއާއި މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯއެވެ. ހަމަ އެހެންމެ، ފޭދޫގެ ރައްޔިތުންނަށް ހުށަހަޅުއްވާފައިވަނީ ފޭދޫއަށް ޚާއްޞަކުރެވިގެން، ކައުންސިލް އުފައްދަން ފެނޭތޯއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގެ ދަށުން، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، ޤާނޫނުގައިވާ ގޮތުގެ މަތީން ވޯޓު ނެގުމުގެ ކަންކަން ކުރިޔަށް ގެންދެވުމަށްޓަކައި ވަނީ އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފައެވެ.

އެގޮތުން، އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މި ވޯޓު ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ، މި މަހުގެ 24 ވާ ހުކުރު ދުވަހު ނުވަތަ 25 ވާ ހޮނިހިރު ދުވަހުގެ ތެރެއިން ދުވަހެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައި ވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން