Ads by Stelco

ޚަބަރު

އައިޖީއެމްއެޗުން ފޯރުކޮށްދޭ އައިނުގެ ޚިދުމަތަކީ ވިޔަފާރި އުޞޫލުން ދޭ ޚިދުމަތެއް ނޫން: ވަޒީރު ނާޡިމް

އައިޖީއެމްއެޗުން ފޯރުކޮށްދޭ އައިނުގެ ޚިދުމަތަކީ ވިޔަފާރި އުޞޫލުން ދޭ ޚިދުމަތެއް ނޫން: ވަޒީރު ނާޡިމް

އެމްސީޖީއެޗް/ފޮޓޯ: އެޑިޝަން އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 އޮކްޓޯބަރު 2025، 01:26

06 އޮކްޓޯބަރު 2025، 01:26

އައިޖީއެމްއެޗުން ފޯރުކޮށްދޭ އައިނުގެ ޚިދުމަތަކީ ވިޔަފާރި އުޞޫލުން ދޭ ޚިދުމަތެއް ނޫންކަމަށާއި އެއީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް ފެށްޓެވި  ޚިދުމަތެއްކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، އައިނު ހެއްދުމުގައި އާސަންދަގެ އުޞޫލު ރެގިއުލޭޓު ނުކޮށް ސަރުކާރުން އެ ޚިދުމަތް ދޭން ފެށީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

އެ ސުވާލަށް ޖަވާބު ދެއްވާ ވަޒީރު ލިޔުމުން ފޮނުއްވެވި ޖަވާބުގައި ވިދާޅުވީ، މިއަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު އައިޖީއެމްއެޗްގައި ސަރުކާރުން އައިނުގެ ޚިދުމަތް ފެއްޓެވީ އެ ޚިދުމަތް ރައްޔިތުންނަށް ހެޔޮ އަގުގައި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކަމަށެވެ. އަދި މިއީ އާސަންދައިގެ ދަށުން ކޮންމެ 2 އަހަރަކުން 1 ފަހަރު އައިނު ހެއްދުމަށް ކަނޑައަޅާފައިވާ 2،000 ރުފިޔާގެ ތެރެއިން އައިޖީއެމްއެޗުގައި ހުންނަ އެމްސީޖީއެޗް އޮޕްޓިކަލްސް އިން ފޯރުކޮށްދޭ ޚިދުމަތެއް ކަމަށާއި މިއީ ވިޔަފާރި އުސޫލުން ދޭ ޚިދުމަތެއް ނޫން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އަމިއްލަ ވިޔަފާރިތަކުން އައިނުގެ ޚިދުމަތް ހޯދުމަކީ ޢާންމުންނަށް މާލީގޮތުން ދެވޭ ބޮޑު ބުރައެއްކަމަށް މި ސަރުކާރުން ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އެގޮތުން، އާސަންދައިން ނަންބަރު އައިނު އަޅާ ފަރާތްތަކަށް ކޮންމެ ދެ އަހަރަކުން އެއްފަހަރު ރުފިޔާ ދިން ނަމަވެސް، ރައްޔިތުންގެ އަމިއްލަ ޖީބުން އެތައް ހާސްރުފިޔާއެއް ޚަރަދުކުރަން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން، އައިޖީއެމްއެޗްގައި އިތުރު އަގަކާ ނުލައި އައިނުގެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަޖައްސައިދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

އައިޖީއެމްއެޗްގައި އައިނުގެ ޚިދުމަތްދޭ ތަން ޤާއިމުކުރުމަށާއި އެތަނަށް ބޭނުންވާ އާލާތްތަކަށް 2،060،885.24 ރުފިޔާ ޚަރަދުވި ކަމަށާއި ކޮންމެ އަހަރަކު އެ ޚިދުމަތް ފޯރުކޮށްދޭން 3،456،212.67 ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ. ހަމަ މިއާއެކު، ސަރުކާރުގެ އަމާޒަކީ އަތޮޅު ތެރެއަށް މި ޚިދުމަތް ފުޅާކޮށް ލޮލުގެ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖެއްސެވުންކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން