Ads by Stelco

ޚަބަރު

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 4 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 4 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 3 ވަނަ ބުރު/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 އޮކްޓޯބަރު 2025، 12:27

06 އޮކްޓޯބަރު 2025، 12:27

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 4 ވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެށި ޕްރޮގުރާމެކެވެ. މި ޕްރޮގުރާމުގެ މައިގަނޑު މަޤްޞަދަކީ، ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދައި، ރަމަޟާން މަހު ބިދޭސީ ހާފިޒުން ގެނައުން ހުއްޓުވާލާ، ރާއްޖޭގެ ޒުވާނުންނަށް މި ދާއިރާއިން ފުރުޞަތު ފަހިކޮށްދިނުމެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ތަމްރީނުގައި ބައިވެރިވެވޭނީ ގުރޭޑު 10، 11، އަދި 12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ފުރިފައިނުވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން، މި ތަމްރީނުގައި ބައިވެރިވުމަށް ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ، ސްކޫލުގައި އުޅޭ ނަމަ ސްކޫލުގައި އުޅޭކަމުގެ ލިޔުން އަދި 18 އަހަރު ނުފުރޭނަމަ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަން އަންގައިދޭ ލިޔުމެއް ހުށައަޅަންޖެހޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ތަމްރީނު ފުރިހަމަކޮށް ޚަޠީބުކަމުގެ ސަނަދު ދޫކުރެވޭނީ ޒުވާން ޚަޠީބު އިންޓަވިޔު ނިންމާ، ޓްރެއިނިންގ ސެޝަންތަކުގެ ހުރިހާ ސެޝަންއަކަށް ހާޒިރުވެ ލިޔުމުގެ އިމްތިހާނުން ވެސް ފާސްވާ ބައިވެރިންނަށެވެ. މި ތަމްރީނުގައި މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފޭސްޓު-ފޭސްކޮށް ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ރަށްރަށުގައި އަދި ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންގެ ސެޝަންތައް އޮންނާނީ އޮންލައިންކޮންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިތުރަށް ވިދާޅުވީ، މި ތަމްރީނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 25 އޮކްޓޯބަރު 2025 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ހުށައަޅަންޖެހޭނެ ކަމަށެވެ. އެގޮތުން، މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޒުވާން ޚަޠީބުން ތަމްރީންނުކުރުމުގެ ޕްރޮގުރާމުގެ ތިން ވަނަ ބުރު ފުރިހަމަކޮށް 269 ޒުވާން ޚަޠީބުން ސަނަދު ހާސިލްކޮށްފައިވާއިރު، މިހާތަނަށް މި ސަނަދު ޙާސިލްކުރި ޚަޠީބުންގެ އަދަދު ވަނީ 503 އަށް އަރާފައެވެ. އިސްލާމީ  ކަންތައްތަކާ ބެހޭ ވުޒާރާއިން އަމާޒު ހިފާފައިވަނީ 5 އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން