Ads by Stelco

ޚަބަރު

އދ. އޮމަދޫގެ އިޚްތިޞާޞްގައި 3 ފަޅެއް ރައީސުލްޖުމްހޫރިއްޔާ ހިމަނުއްވައިފި

އދ. އޮމަދޫގެ އިޚްތިޞާޞްގައި 3 ފަޅެއް ރައީސުލްޖުމްހޫރިއްޔާ ހިމަނުއްވައިފި

އދ. ދަނގެތި/ފޮޓޯ: މޯލްޑިވްސް މެގަޒިން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 އޮކްޓޯބަރު 2025، 12:25

06 އޮކްޓޯބަރު 2025، 12:25

އދ. އޮމަދޫގެ އިޚްތިޞާޞްގައި 3 ފަޅެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމަނުއްވައިފި އެވެ.

އޮމަދޫގެ އިޚްތިޞާޞްގައި މި 3 ފަޅު ހިމަނުއްވާފައިވަނީ، އެމަނިކުފާނު މިހާރު އދ. ގެ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން، އަރިއަތޮޅު ދެކުނުބުރީގައި އޮންނަ ކުޑަދޫފަޅާއި، އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރު RF1329 ފަޅާއި، އަރިއަތޮޅު ދެކުނުބުރި ކޯޑު ނަންބަރު RF1330 ފަޅަކީ، އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. އެމަނިކުފާނު މިގޮތަށް ކަނޑައަޅުއްވާފައިވަނީ، އަރިއަތޮޅު ދެކުނުބުރީ އޮމަދޫގައި ފަތުރުވެރިކަން ހިމެނޭގޮތަށް އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްޤީގެ މަސައްކަތްތައް ހިންގުމަށްޓަކައެވެ.

އެމަނިކުފާނު މިފަދައިން ނިންމެވުމާއި ގުޅިގެން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ ދަށުން، 2025 ފެބުރުއަރީ 5 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 2025/2 (ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިޞްލާޙު ގެންނަވައި، އެ ޤަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަދާހަމަކުރައްވާފައެވެ.

އޮމަދޫގެ އިޚްތިޞާޞްގައި  މި ފަޅުތައް ހިމަނުއްވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނަށް ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން