ޚަބަރު
އައްޑޫ ސިޓީގައި ނަގާ ރިފަރަންޑަމް ވޯޓުގައި ރައްޔިތުން ނިންމާ ކޮންމެ ގޮތެއް ސަރުކާރުން ތަންފީޒު ކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އައްޑޫ ސިޓީގައި ނެގުމަށް ނިންމާފައިވާ ރިފަރަންޑަމް ވޯޓުގައި ރައްޔިތުން ނިންމާ ކޮންމެ ގޮތެއް ސަރުކާރުން ތަންފީޒު ކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވީ، "އެކްސް"ގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ.
މި މަޢުޟޫޢުގައި ރައީސް ވިދާޅުވީ، މި ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށާއި އަދި ސަރުކާރުން ބޭނުންވާ ވަކިގޮތެއް ވެސް ނެތްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ނިންމުމަކީ މި މައްސަލައިގައި އޮތް ފަރުވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އައްޑޫ ގެ ފޭދޫ، ހުޅުދޫ، މީދޫ ގައި ނަގާ ރިފަރަންޑަމް ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއްނެތް. ސަރުކާރުން އިޚްތިޔާރު ކުރާ ވަކި ނަތީޖާއެއްނެތް. ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ.
ރައީސުލްޖުމްހޫރިއްޔާ "އެކްސް"ގައި ކުރެއްވި ޕޯސްޓުގައި ވެއެވެ.
އައްޑޫ ސިޓީގައި ރިފަރަންޑަމް ވޯޓެއް ނެގުމަށް ނިންމީ ވަޒީރުންގެ މަޖިލީހުންނެވެ. މިއީ އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެންނަން ބޭނުންވާކަމަށް އެ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ނިންމިނިންމުމެކެވެ.
އެހެންކަމުން މި ވޯޓުގައި ބަލާނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯއެވެ. މީގެ އިތުރުން، އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ކަނޑައެޅުންވެސް ވެސް މި ވޯޓުގައި ހިމެނެއެވެ.
ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ގޮތުގައި، މި ވޯޓު ނަގާނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ 24 އަދި 25 ވާ ހަފުތާބަންދުގެ ތެރެއިން ދުވަހެއްގައެވެ. މި ވޯޓުގައި ބައިވެރިވެވޭނީ އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ހުރިހާ ރައްޔިތުންނަށެވެ.
އަދި ވޯޓުގެ ކުރިން، ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫ ސިޓީގެ ރަށްރަށުގެ އިޚްތިޞާޞަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވާލުމަށްވެސް ވަނީ ނިންމާފައެވެ. މި ޓީމުގައި އައްޑޫގެ ކޮންޓެކްސްޓް އެނގޭ ބޭފުޅުންގެ ފަންނީ ޓީމެއް ހިމެނޭ ގޮތަށް އެކުލަވާލައި، އައްޑޫ ސިޓީގެ ރަށްރަށުގެ އިޚްތިޞާޞާ ގުޅޭ މަސައްކަތްތައް ފެށުމަށްވެސް ވަނީ ނިންމާފައެވެ.