ޚަބަރު
ފުވައްމުލައް ސިޓީގެ އެއަރޕޯޓް ފެންސު މަތިން އަރަން އުޅުނު 3 މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

ފުވައްމުލަކު އެއާޕޯޓް--
ފުވައްމުލައް ސިޓީގެ އެއަރޕޯޓް ފެންސު މަތިން އަރަން އުޅުނު 3 މީހެއްގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުވައްމުލައް ސިޓީ އެއަރޕޯޓުގެ ފެންސުމަތިން އަރަން އުޅުނު ބަޔަކު ހުއްޓުވި އެއަރޕޯޓުގެ ސެކިއުރިޓީ މުވައްޒަފަށް ހަމަލާދީ، މާރާމާރީ ހިންގި މައްސަލައެއް ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ ފަތިހު 04:05 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލައިގެ ތުހުމަތުގައި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން، މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ، ހަސަން ހުމާމް މުހައްމަދު، ޏ. ފުވައްމުލައް، ހޯދަނޑު/ގުލްކޯޒުގެ (28އ) އާއި، އިބްރާހިމް ސިމަން އަހްމަދު، ޏ. ފުވައްމުލައް، ހޯދަނޑު/ޒަމްހަރީރުގެ (20އ) އާއި، ބައްސާމް ސައީދު، ޏ. ފުވައްމުލައް، ފުނާޑު/ޝުހާނާގެ (29އ) އެވެ.
މި މައްސަލައާއި ގުޅިގެން މި 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.