ދުނިޔެ

ޙަމާސްގެ ޖަވާބަށް އިސްލާމީ ޢަރަބި ޤައުމުތަކުން މަރުހަބާ ކިޔައިފި

ޙަމާސްގެ ޖަވާބަށް އިސްލާމީ ޢަރަބި ޤައުމުތަކުން މަރުހަބާ ކިޔައިފި

ޣައްޒާގެ ކުޑަ ކުއްޖެއް ފެންބަލާދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޮކްޓޯބަރު 2025، 05:00

05 އޮކްޓޯބަރު 2025، 05:00

އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވުމަށް އެމެރިކާއިން ހުށައެޅި ހުށައެޅުމަށް ޙަމާސް އިން ދިން ޖަވާބާއި ގުޅިގެން ޢަރަބި އިސްލާމީ ޤައުމުތަކުން މަރުޙަބާ ދަންނަވައިފިއެވެ. 

އެގޮތުން ޤަތަރު، ސަޢޫދީ ޢަރަބިއްޔާ، މިޞްރު، ޖޯޑަން، ޔޫއޭއީ، އިންޑޮނޭޝިއާ، ޕާކިސްތާން އަދި ތުރުކީގެ ފޮރިން މިނިސްޓަރުން މިއަދު، ޣައްޒާގެ ހަނގުރާމަ ނިންމާލުމަށާއި އަސީރުން ދޫކޮށްލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅި ހުށަހެޅުމަށް ހަމާސްއިން ދީފައިވާ ޖަވާބަށް ވަނީ މަރުޙަބާ ކިޔައިފައެވެ. 

މި ޤައުމުތަކުގެ ފޮރިން މިނިސްޓަރުން ގުޅިގެން ނެރުނު ބަޔާނެއްގައި، ޣައްޒާގެ ހަނގުރާމަ ނިންމާލުމަށާއި އަސީރުން ދޫކޮށްލުމަށް ޓްރަމްޕް ގޮވާލާފައިވާ ގޮވާލުމަށް މަރުހަބާ ކިޔާފައިވެއެވެ. އަދި ސަރަހައްދުގައި ޞުލްޙަ ޤާއިމުކުރުމަށް އޭނާ ކުރައްވާ މަސައްކަތަށް ތާއީދުކުރާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި ކުރިއެރުންތަކަކީ ހަނގުރާމަ މުޅިން ހުއްޓުވުމަށާއި ޣައްޒާގެ ރައްޔިތުން ކުރިމަތިލާންޖެހިފައިވާ އިންސާނީ ޙާލަތު ރަނގަޅުކުރުމަށް ލިބިގެންދާ ހަޤީޤީ ފުރުސަތެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަމާސްއިން ޣައްޒާގެ ހިންގުން މިނިވަން ޓެކްނޮކްރެޓުންގެ ވަގުތީ ފަލަސްތީނު އިދާރީ ކޮމިޓީއަކާ ހަވާލުކުރުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފައިވާ ބުނުމަށްވެސް މިނިސްޓަރުން މަރުހަބާ ކިޔާފައިވެއެވެ. އަދި މި ހުށަހެޅުން ތަންފީޒުކުރާނެ ގޮތުގެ މަޝްވަރާތައް ވަގުތުން ފެށުމަށް ގޮވާލާފައިވެއެވެ.

މިޞްރުގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، އަސީރުން ދޫކޮށްލުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމާސްއާއި އިސްރާއީލުގެ ވަފުދުތަކެއް މާދަމާ ހޯމަ ދުވަހު މިޞްރަށް ޒިޔާރަތްކުރާނެއެވެ. ޓްރަމްޕްގެ ހުށަހެޅުމުގައި ވަނީ، އިސްރާއީލުން އެއްބަސްވާތާ 72 ގަޑިއިރުގެ ތެރޭގައި ހަނގުރާމަ ހުއްޓާލައި އަސީރުން ދޫކޮށްލުމަށެވެ. މީގެ ބަދަލުގައި ޙަމާސްގެ ހަތިޔާރު ނައްތާލަން ޖެހޭނެއެވެ.

ޙަމާސްއިން ބުނެފައިވަނީ، އެ ޖަމާޢަތުން ދިރިހުރި އަދި މަރުވެފައިވާ އިސްރާއީލްގެ ހުރިހާ އަސީރުން ދޫކޮށްލުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ ޖަމާޢަތުން އަލުން ޔަޤީންކޮށްދީފައިވަނީ ޤައުމީ އެއްބަސްވުމަކާއި އަރަބި އަދި އިސްލާމީ އެހީތެރިކަމާއެކު، ޣައްޒާގެ ކަންކަން ބެލެހެއްޓުމަށް މިނިވަން (ޓެކްނޮކްރެޓް) ފަލަސްޠީނު އިދާރާއަކާ ހަވާލުކުރުމަށް ތައްޔާރަށް ތިބިކަމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން