ޚަބަރު
މުދައްރިސުންނަކީ ޤައުމުގެ މުސްތަޤްބަލު ބިނާކުރުމުގެ އެންމެ އިސް މޭސްތިރިން: ރައީސުލްޖުމްހޫރިއްޔާގެ ނައިބު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު/ފޮޓޯ: ރައީސް އޮފީސް
މުދައްރިސުންނަކީ ޤައުމުގެ މުސްތަޤްބަލު ބިނާކުރުމުގެ އެންމެ އިސް މޭސްތިރިންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވުމަށް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ، ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި މުދައްރިސުންނަށް އަރިސްކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، މުދައްރިސުންނަކީ ޤައުމުގެ މުސްތަޤްބަލު ބިނާކުރުމުގެ އެންމެ އިސް މޭސްތިރިން ކަމަށާއި، ޤައުމުގެ ފަޚުރާއި ކަރާމާތް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދޭ އެންމެ އިސް މަސްޢޫލުވެރިން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، މިދުވަހުގެ މުނާސަބަތުގައި މުދައްރިސުން ކޮށްދެއްވާ ބުރަ މިންނެތް މަސައްކަތާއި، ޤައުމަށްޓަކާ ވެވަޑައިގަންނަމުންދާ ޤަރުބާނީއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.