ޚަބަރު
އއ. ރަސްދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ސްޓެލްކޯއިން އިތުރު ޖަނަރޭޓަރެއް ގެންގޮސްފި

އާ ޖަނަރޭޓަރު/ފޮޓޯ: ސްޓެލްކޯ
އއ. ރަސްދޫގެ ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް ސްޓެލްކޯއިން އިތުރު ޖަނަރޭޓަރެއް އެރަށަށް ގެންގޮސްފި އެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ އިން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރަސްދޫއަށް އިތުރު ޖަނަރޭޓަރެއް ގެންގޮސްފައިވަނީ ޕީކް ސީޒަނަށް ތައްޔާރުވެ، ރައްޔިތުންނަށް މެދުނުކެނޑި ޚިދުމަތް ކަށަވަރުކޮށްދިނުމަށް އެ ކުންފުނިން ކުރެމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ. އެގޮތުން، ރަސްދޫއަށް 472 ކިލޯވޮޓްގެ އިތުރު ޖަނަރޭޓަރެއް މިހާރު ގެންދެވިފައިވާކަމަށް ސްޓެލްކޯ އިން ވަނީ ވިދާޅުވެފައެވެ.
ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ސްޓެލްކޯ އިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ޚިދުމަތް ރަނގަޅުކޮށް ރައްޔިތުންނަށް އެންމެ އެކަށޭނެ ޚިދުމަތް ދިނުމަށް އާ ޖެނެރޭޓަރު ބޭނުންވާ ރަށްތަކަށް ޖަނަރޭޓަރުތައް ގެންދިއުމާއި މަރާމާތުކުރަންޖެހޭ ސެޓުތައް މަރާމާތުކުރުމެ މަސައްކަތް ވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
ކަރަންޓުގެ ޚިދުމަތަކީ، ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އެއް ޚިދުމަތްކަމަށް ވާއިރު، އެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ދިނުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.