ޚަބަރު
ރިޕަބްލިކް އޮފް ކޮރެއާ ގެ ޤައުމީ ދުވަހުގެ މުސާނަބަތުގައި ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި ރިޕަބްލިކް އޮފް ކޮރެއާގެ ދިދަ/ފޮޓޯ: ޝަޓަރސްޓޮކް
ރިޕަބްލިކް އޮފް ކޮރެއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.
ރިޕަބްލިކް އޮފް ކޮރެއާގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލަންސީ ޗޯ ހޭއުން އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ރިޕަބްލިކް އޮފް ކޮރެއާގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.
ހަމަ އެހެންމެ، ދިވެހިރާއްޖެ އާއި ރިޕަބްލިކް އޮފް ކޮރެއާ އާ ދެމެދުގައިވާ އެކުވެރި އަދި ގާތް ގުޅުން، ދެ ޤައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، އެޤައުމުގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ޞިއްޙަތާއި ރިޕަބްލިކް އޮފް ކޮރެއާ ގެ ސަރުކާރާއި ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް އެދިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ރިޕަބްލިކް އޮފް ކޮރެއާގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.