ކުޅިވަރު
ހާއްޕެގެ ފަރުވާގެ ކަންތައްތައް އެފްއޭއެމް އާއި އެންސްޕާއިން ހަމަޖައްސާނެކަމަށް ހާމަކޮށްފި

ކްލަބް މޯލްޑިވްސް ކަޕްގެ މެޗެއް ބެލުމަށް ހާއްޕެ ފުޓްސަލް ދަނޑުގައި، ފޮޓޯ: ކްލަބް މޯލްޑިވްސް
ދިވެހި ޤައުމީ ފުޓްސަލް ޓީމުގައި ކުޅެމުން އަންނަ ޢަލީ ޙާފިޒް (ހާއްޕެ)އަށް ލިބުނު އަނިޔާއަށް ފަރުވާ ކުރުމުގެ މާލީ އެހީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހަމަޖައްސާނެ ކަމުގައި، އެފްއޭއެމްގެ ރައީސް އަޙުމަދު ޠާރިޤް ވިދާޅުވެއްޖެއެވެ.
ޤައުމީ ޓީމުގެ މެޗެއްގެ ތެރެއިން އަނިޔާ ލިބުނު ޙާއްޕެއަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްނުދޭކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގެ ރައްދުގައި ޠާރިޤު ވިދާޅުވީ، ބުރާސްފަތި ދުވަހު އޮތް ބައްދަލުވުމަކަށްފަހު ހާއްޕެގެ އަނިޔާއާ ގުޅިގެން ކުރަންޖެހޭ އޮޕަރޭޝަންގެ ކަންކަން އިންޑިއާއިން ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޮފަރޭޝަނަށް ދާނެ ޚަރަދާއި، ކުޅުންތެރިޔާ އާއި ދެ އެހީތެރިންނަށް ތިބުމާއި ކެއުމުގެ ޚަރަދު ވެސް ހަމަޖެއްސުމަށް ނިންމަވާފައިވާކަމަށް ޠާރިޤް ވަނީ ހާމަކޮށްފައެވެ.
ހާއްޕެއަށް އަނިޔާވީ އޭއެފްސީ ފުޓްސަލް އޭޝިޔަން ކަޕް ކޮލިފައިންގައި މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗުގައި، މިދިޔަ މަހުގެ 23 ވަނަ ދުވަހެވެ.
މި އަނިޔާގެ ސަބަބުން، ރާއްޖޭގެ އެންމެ އުހުގައި ފުޓްސަލް ކުޅެމުން އަންނަ ހާއްޕެއަށް، ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ފޯރިގަދަކޮށް ކުރިޔަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި މި އަހަރު ނުކުޅެވެއެވެ.
އެ މުބާރާތުގައި ރޯޑް ރެކްރިއޭޝަން ކުލަބު (އާރްއާރްސީ) ތަމްސީލް ކުރަމުން އަންނަ ހާއްޕެ ވަނީ މިދިޔަ މުބާރާތުގައި، މޮޅުކުޅުމެއްދައްކާފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ވެސް އޭނާ ހިމެނުނެވެ.
ހާއްޕެ ވަނީ 2022 ވަނަ އަހަރުން ފެށިގެން ފުޓްސަލް ޤައުމީ ޓީމަށް 11 މެޗު ކުޅެފައެވެ. އަދި 6 ގޯލު ވެސް ކާމިޔާބުކޮށްފައި ވެއެވެ.