ކުޅިވަރު

ޗެލްސީ މެޗުން ވެސް ބަލިވެ، ފަހު ވަގުތުކޮޅަކީ ލިވަޕޫލަށް އޮތް ނުތަނަސްކަމަކަށް ބަދަލުވެއްޖެ

ޗެލްސީ މެޗުން ވެސް ބަލިވެ، ފަހު ވަގުތުކޮޅަކީ ލިވަޕޫލަށް އޮތް ނުތަނަސްކަމަކަށް ބަދަލުވެއްޖެ

ޗެލްސީއަށް ލީޑު ނަގައިދިނުމަށްފަހު ގުސްޓާވޯ ވިލިއަން އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

05 އޮކްޓޯބަރު 2025، 07:08

05 އޮކްޓޯބަރު 2025، 07:08

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީއިން އިތުރު ވަގުތުގެ 5ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލާއެކު 2-1 ލިވަޕޫލް ބަލިކުރުމުން، ކުރިން ލިވަޕޫލަށް އުފާވެރިކަން ގެނަސްދިން މެޗުގެ ފަހު ވަގުތުކޮޅަކީ އެ ޓީމަށް މިހާރު ނުތަނަވަސްކަން ގެނަސްދޭ ވަގުތުކޮޅަކަށް ބަދަލުވެއްޖެއެވެ. 

މި ސީޒަނުގައި ލިވަޕޫލުން ކުޅުނު ފުރަތަމަ 6 މެޗުގައި ވެސް އެ ޓީމުން ނަތީޖާ ބަދަލުކުރަމުން އައީ ފަހުވަގުތުކޮޅެވެ. އޭގެ ފަހުން، އެއް ހަފްތާ ތެރޭގައި ކުޅުނު ތިން މެޗުން އެ ޓީމަށް މިވަނީ ނާކާމިޔާބާ ކުރިމަތިލާން ޖެހިފައެވެ. އޭގެތެރެއިން ޕްރިމިއަރ ލީގުގައި ކުޅުނު ދެ މެޗުގައި ވެސް އިދިކޮޅު ޓީމުން މެޗު ކާމިޔާބުކުރި ގޯލު ޖަހާފައި ވަނީ އިތުރު ވަގުތުގައެވެ.

އެގޮތުން ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗުގައި އެސްޓާވޯ ވިލިއަން އެ ޓީމު މޮޅުކޮށްދިނީ 95ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލަކުންނެވެ. އަދި މި ސީޒަންގައި މުޅިން އަލަށް ލިވަޕޫލް ބަލިވީ، މިދިޔަ ހަފްތާގައި ކްރިސްޓަލް ޕެލެސްގެ އެޑީ އެންކެޓިއާ 97ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލުންނެވެ. މި ދެ މެޗުން ވެސް ލިވަޕޫލް ބަލިވީ 2-1 އިންނެވެ. 

ނަތީޖާއާ ގުޅިގެން ލިވަޕޫލްގެ ކެޕްޓަން ވާރޖިލް ވެން ޑައިކް މާޔޫސްވެފައި---

އަދި މި ދެ މެޗުގެ ދޭތެރޭގައި ގަލަޓަސަރާއީއިން ވަނީ ޗެމްޕިއަންސް ލީގުގައި، ތުރުކީގެ އިސްތަންބޫލްގައި ކުޅުނު މެޗުގައި ވެސް ލިވަޕޫލް ބަލިކޮށްފައެވެ. އެއާއެކު މިއީ ސްލޮޓުގެ ކޯޗިން ކެރިއަރުގައި ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރު ވެސް މެއެވެ. 

ރޭގެ މެޗުގައި ފުރަތަމަ ލީޑު ނެގީ ޗެލްސީއިންނެވެ. މެޗުގެ 14ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި "ރޮކެޓު ހަމަލާއަކުން"، މޫސަސް ކައިސޭޑޯއެވެ. އަދި ލިވަޕޫލުން މެޗުގެ 63ވަނަ މިނެޓުގައި ކޯޑީ ގަކްޕޯގެ ގޯލަކުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް، އިތުރު ވަގުތުގައި ނަތީޖާ ބަދަލުކުރީ، ގަނާޗޯގެ ބަދަލުގައި ކުޅެން ނިކުތް އުމުރުން 18 އަހަރުގެ އެސްޓާވޯ ވިލިއަންއެވެ.  

ފުޓުބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި، މި ފަހަރު މޮޅެތި ކުޅުންތެރިން ގަތުމަށް ލިވަޕޫލުން ބޮޑެތި ޚަރަދުތައްކޮށްފައި ވީނަމަވެސް، މިދިޔަ ސީޒަންގައި ލިވަޕޫލުން ދެއްކި ކުޅުމާ ގާތަށް ވެސް އަދި އެ ޓީމަށް ނުކުޅެވެއެވެ. އެގޮތުން ކޮމިއުނިޓީ ޝީލްޑް މެޗުގައި ޕެލެސް މެޗުން ބަލިވި ހިސާބުން ފެށިގެން، ކުޅުމުގެ ތެރެއިން ޓީމުގެ ބެލެންސް ހިފެހެއްޓުމަށް އުނދަގޫވެގެން އުޅޭތަން ފެންނަކަމަށް ވަނީ ބެލެވިފައެވެ. އެއަށްފަހު ނަތީޖާ ތަކުން މިވަނީ މިހާރު އެކަން ފެންނަން ފަށާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން