ކުޅިވަރު
މި އަންނަ އަހަރު އޮންނަ ވޯލްޑް ކަޕް ކުޅޭ ބޯޅަ ނިއު ޔޯކުގައި ދައްކާލައިފި

މި އަންނަ އަހަރު އޮންނަ ވޯލްޑް ކަޕް ކުޅޭ "ޓަރައިއޮންޑާ" ބޯޅަ---
މި އަންނަ އަހަރު އޮންނަ ވޯލްޑް ކަޕް ކުޅޭ ބޯޅަ، މުބާރާތް ބާއްވާ އެއް ޤައުމު ކަމުގައިވާ، އެމެރިކާގެ ނިއު ޔޯކު ސިޓީގައި ދައްކާލައިފިއެވެ. މި ބޯޅައަށް ވަނީ "ޓްރައިއޮންޑާ"ގެ ނަމުން ނަން ދީފައެވެ.
އެޑިޑާސް ކުންފުނިން އުފައްދާފައިވާ މި ބޯޅައިގައި ހިމެނެނީ ހަތަރު ފިތެވެ، ނުވަތަ ވަކިވަކިން ގުޅުވާފައިވާ ހަތަރު ބައެވެ. މި ހުރިހާ ފިތްތަކެއް ގުޅުވާފައި ވަނީ ބޯޅައިގެ މެދަށް ޓްރައިއެންގަލެއްގެ ސިފަ ގެނެސްދޭ ގޮތަށެވެ. އެއީ މުބާރާތް ބާއްވަނީ ތިން ޤައުމުގައި ކަމަށް ވުމުން، އެކަމާ ގުޅުވައި ބޯޅައަށް ގެނަސްފައިވާ ޚާއްޞަ ސިފައެކެވެ.
"ޓްރައިއޮންޑާ"ގައި ބޭނުންކޮށްފައި ވަނީ ވެސް ތިން ކުލައެވެ. އެއީ މެކްސިކޯގެ ފެހި ކުލަ އާއި ކެނެޑާގެ ރަތް ކުލަ އަދި އެމެރިކާގެ ނޫކުލައެވެ. މީގެ އިތުރުން، މެކްސިކޯ ދިދައިގައިވާ ފެހިކަމާއި، ކެނެޑާގެ ދިދައިގައިވާ ފަތާއި، އެމެރިކާގެ ދިދައިގައި ހުންނަ ތަރިތައްވެސް ބޯޅައިގައި އެ ޤައުމަކަށް ޚާއްޞަކޮށްފައިވާ ބައިގައި ހިމަނާފައިވެއެވެ.
1970 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕުގެ ބޯޅަ ތައްޔާރުކޮށްދެމުން އަންނަ އެޑިޑާސް ކުންފުނިން މި ފަހަރު ތައްޔާރުކޮށްފައިވާ މި ބޯޅައަކީ، ވާރެ އާއި އަވީގައި ބޯޅައިގެ އަސްލަށް ބަދަލު ނާންނަގޮތަށް އުފައްދާފައިވާ ބޯޅައެއްކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
އަދި ބޯޅައިގެ އެތެރޭގައި ރެފްރީންނަށް ސިގްނަލް ފޯރުކޮށްދިނުމަށާއި މަޢުލޫމާތު އެއްކުރުމަށް ހާއްސަ ޗިޕެއް އެކުލެވިގެންވާނެކަމަށް ވެސް ހާމަކޮށްފައިވެއެވެ. މައިގަނޑު ގޮތެއްގައި މި ޓެކްނޮލޮޖީގެ ބޭނުން ކުރާނީ، ބޯޅަ ގޯލް ލައިން ހުރަސް ކުރޭތޯ ބެލުމަށެވެ.
މި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަކީ 48 ޤައުމު ވާދަކުރާ ގޮތަށް ބަދަލުކުރި ފަހުން ބާއްވާ ފުރަތަމަ މުބާރާތެވެ. އަދި މިއީ ތިން ޤައުމެއް އެކުވެގެން ބާއްވާ ފުރަތަމަ މުބާރާތް ވެސް މެއެވެ.