ކުޅިވަރު

ޔަމާލްއަށް އަނެއްކާ ވެސް އަނިޔާވެއްޖެ، ސީޒަންގެ ފުރަތަމަ އެލް ކްލެސިކޯ ވެސް ނުކުޅެވިދާނެ

ޔަމާލްއަށް އަނެއްކާ ވެސް އަނިޔާވެއްޖެ، ސީޒަންގެ ފުރަތަމަ އެލް ކްލެސިކޯ ވެސް ނުކުޅެވިދާނެ

ލެމީން ޔަމާލް، ފޮޓޯ: ބާސެލޯނާ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 އޮކްޓޯބަރު 2025، 01:45

04 އޮކްޓޯބަރު 2025، 01:45

ބާސެލޯނާ އަދި ސްޕެއިންގެ ޒުވާން ތަރި، ލެމީން ޔަމާލްއަށް އަނެއްކާ ވެސް އަނިޔާވެއްޖެއެވެ. 

މި އަނިޔާގެ ސަބަބުން ދޭއް ނުވަތަ ތިން ހަފްތާއަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެކަމަށް ބާސެލޯނާގެ މެޑިކަލް ޓީމުން ލަފާކުރާއިރު، އަނިޔާއާ ގުޅިގެން މިދިޔަ މަހު ވެސް އޭނާއަށް ހަތަރު މެޗު ގެއްލިފައިވެއެވެ. އަދި މި ފަހަރުގެ އަނިޔާއާ ގުޅިގެން ސީޒަންގެ ފުރަތަމަ އެލް ކްލެސިކޯ މެޗުވެސް އޭނާއަށް ނުކުޅެވިދާނެކަމަށް ވަނީ ބެލެވިފައެވެ. 

އުކުޅުވަޅަށް ލިބުނު އަނިޔާއާ ގުޅިގެން ކުޅުމާ ދުރުގައި ހުރުމަށްފަހު އޭނާ ބާސެލޯނާގެ ޖާޒީގައި ފެނުނީ މިދިޔަ ހަފްތާ ރެއާލް ސޮސިއެދާދްއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގެ ނަތީޖާ ހަމަހަމަވެފައި ވަނިކޮށް، ދެވަނަ ހާފްގައި ކުޅެން ނިކުތުމަށްފަހު އޭނާ ކޮށްދިން އެސިސްޓަކާއެކު ބާސެލޯނާ ވަނީ 2-1އިން މޮޅުވެ، ލީގުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ އެއް ޕޮއިންޓަށް ފަރަގު ކުޑަކޮށްފައެވެ. 

ޔަމާލްއަށް އަނިޔާވެފައިވާކަން ބާސެލޯނާއިން އިޢުލާންކުރީ، ހުކުރު ދުވަހު ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވާގޮތުން، ޔަމާލްއަށް އަނެއްކާ ވެސް ކުރިމަތިވެފައި ވަނީ އުކުޅުވަޅުގެ އަނިޔާއެކެވެ. އަދި މިއީ ޗެމްޕިއަންސް ލީގުގައި ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ)އާ ދެކޮޅަށް މިދިޔަ ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ލިބުނު އަނިޔާއެއްކަމަށް ވެސް އެ ކްލަބުން ވަނީ ހާމަކޮށްފައެވެ. 

ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ބުނެފައި ވަނީ، ޔަމާލްގެ އަނިޔާ އަނެއްކާ ވެސް ގޯސްމިވީ، ސެޕްޓެންބަރު މަހު އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި، ރަނގަޅަށް ފިޓު ނުވަނީސް ޔަމާލްލައްވާ ކުޅުވުމުން ކަމަށެވެ. 

މި ބުނުމާ ގުޅިގެން ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗު، ޑި ލަ ފުއެންޓޭ ބުނެފައި ވަނީ، ޤައުމީ ޓީމާ ގުޅިގެން އެ ގޮތަށް ފްލިކްގެ ބަސްމަގު ހުރީތީ ހިތާމަކުރާކަމަށެވެ. އަދި ޔަމާލް ޤައުމީ ޓީމުގައި ބޭނުންކުރިއިރު އަނިޔާއެއްގެ ސަބަބުން އުނދަގޫ ޙާލަތެއް އޭނާ އިޙުސާސް ނުކުރާކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން