ޚަބަރު
ފަޤީރުންގެ ދަފްތަރުގައި ޙައްޖުނުކޮށް ތިބި އެންމެން މި ދައުރުގައި ޙައްޖަށް ފޮނުވައި ނިމޭނެ: ވުޒާރާ

ޤައުމީ އެއާރލައިންގައި ޙައްޖުވެރިން ފުރަނީ، ފޮޓޯ؛ ޕީއެސްއެމް
ފަޤީރުންގެ ދަފްތަރުގައި ޙައްޖުނުކޮށް ތިބި އެންމެން މި ދައުރުގައި ޙައްޖަށް ފޮނުވާނެ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ދަފްތަރުގައި ޙައްޖުނުކޮށް ތިބީ 376 މީހުންނެވެ. އަދި އެ އެންމެން މި ދައުރުގެ ތެރޭގައި ޙައްޖަށް ފޮނުވައި ނިމޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ.
ފަޤީރުންގެ ދަފްތަރުގައި ތިބި އެންމެން ފަރުޟު ޙައްޖުގެ އަޅުކަމަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން މި ވަޢުދުފުޅު ފުއްދުމުގެ މަސައްކަތް އެ މަނިކުފާނު ވަނީ 2024 ވަނަ އަހަރު ފައްޓަވާފައެވެ. އެގޮތުން މިދިޔަ އަހަރު ޙައްޖަށް ފޮނުވި 50 މީހުންގެ އިތުރުން، މި އަހަރު ފޮނުވި 50 މީހުންނާއެކު މިހާތަނަށް 100 ފަޤީރުންނަށް ޙައްޖުވުމުގެ ފުރުޞަތު ވަނީ ސަރުކާރުން ފަހިކޮށްދީފައެވެ.
މި ދަފްތަރުގައި ތިބި ފަޤީރުންގެ ތެރެއިން ޙައްޖުވުމުގެ ފުރުސަތު ދިނުމުގައި ބަލަނީ ޒަކާތު ހައުސްގައި ރަޖިސްޓްރީކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށެވެ.
މި މަސައްކަތުގެ އިތުރުން، ޙައްޖުގެ އަޅުކަމާ ގުޅިގެން ސަރުކާރުން ދެން އަމާޒު ހިފާފައިވާ ކަމަކީ، ފައިސާ ދެއްކުމަށްފަހު، ޙައްޖު އަދާކުރުމަށް ދިގު އިންތިޒާރެއްގައި ތިބި ރައްޔިތުންނަށް ޙައްލެއް ހޯދައިދިނުމުގެ މަސައްކަތެވެ. މި މަސައްކަތް ހަރުދަނާ ކުރުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ޙައްޖަށް މީހުން ގެންދިޔުމާ ބެހޭ އުސޫލަށް ގެނައި ބަދަލުތަކަށް ޢަމަލުކުރަން ފަށާނެއެވެ.
އުޞޫލަށް ގެނައި ބަދަލުތަކުގެ ތެރޭގައި ޙައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން ޢުމުރުން 65 އަހަރުން ފެށިގެން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އިންސައްތައެއް ޚާއްޞަކުރުން ހިމެނެއެވެ. އަދި 75 އަހަރުން ފެށިގެން މަތީގެ ފަރާތްތަކުގެ ތެރެއިން ސިއްޙީ ޙާލަތަށް ބަލައި އެހީތެރިއަކު ގެންދަންޖެހޭ ފަރާތްތަކަށް އެހީތެރިއަކު ހަމަޖައްސަން ފުރުސަތު ދިނުން ހިމެނެއެވެ.
އަދި އެ އުޞޫލުގެ ދަށުން ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ ފަރާތަކަށް އިތުރު ފުރުސަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރު ވުމުންކަމަށް ވެސް ކަނޑައަޅާފައިވެއެވެ.
ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ 1000 ޙައްޖު ކޯޓާއެވެ. އަދި ރާއްޖެއިން މިހާރު މީހުން ޙައްޖަށް ގެންދަނީ ޙައްޖު ކޯޕަރޭޝަނުން އެކަންޏެވެ.