ޚަބަރު
ސިނާޢަތުގެ އެންމެންގެ މަސައްކަތުން ފަތުރުވެރިކަމުގެ އަމާޒު ހާސިލްވާނެ: ވަޒީރު ތާރިޤު

ތިމާވެއްޓާއި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ފޮޓޯ:ޕީއެސްއެމް
މިއަހަރު ރާއްޖެއަށް ފަތުރުވެރިން ގެންނަން އަމާޒު ހިފިވަރަށް، ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެންގެ މަސައްކަތުން ވާސިލްވާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ޕީއެސްއެމްގެ ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދިން "ހޭޔަންބޯ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް 2 މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1.63 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އާންމު ގޮތެއްގައި ސެޕްޓެމްބަރު މަހަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން މަދުވާ ދުވަސްކޮޅެކެވެ. ނަމަވެސް، މިދިޔަ 3 އަހަރާ އަޅާ ބަލާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު %9.7 އިތުރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މިިދިޔަ އަހަރަށް ވުރެ ގިނަ ފަތުރުވެރިން މިއަހަރު ރާއްޖެއަށް އަންނަމުންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއަހަރުގެ އަމާޒަކީ 2.2 މިލިޔަން ފަތުރުވެރިން ރާއްޖެ ގެނައުންކަމަށާއި، މި ސިނާއަތް ވަރުގަދަކޮށް އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަމަށެވެ. އަދި މި ސިނާޢަތުގައި މަސައްކަތް ކުރާ އެންމެންގެ ބައިވެރިވުމާއެކު، މިއަހަރުގެ އަމާޒު ހާސިލްވާނެކަމަށް ވަޒީރު ޔަޤީންކަން ދެއްވިއެވެ.
ވިޒިޓް މޯލްޑިވްސްއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރޭ. ދުނިޔޭގެ އެކި ޤައުމުތަކުގައި ރޯޑް ޝޯވްތައް ބޭއްވުމާއި މުހިއްމު ފެއަރތަކުގައި ބައިވެވެރިވުން ހިމެނޭ. ރާއްޖޭގެ ޓޫރިޒަމްގައި ރިސޯޓްތަކުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ. ވިޒިޓް މޯލްޑިވްސްއާއި މި ސިނާއަތުގެ މަސައްކަތް ކުރާ އެންމެން ކުރާ މަސައްކަތުން މިއަހަރު އަމާޒަށް ވަޞީލްވެވޭނެ
ވަޒީރު ތާރިޤު އިބްރާހީމް
މި ސިނާއަތް ކުރިއެރުވުމަށްޓަކައި އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން ހުރިކަން ފާހަގަކުރައްވާ ވަޒީރު ވަނީ، ފަތުރުވެރިކަމާ ގުޅުން ހުރި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ތެރެއިން އިސްލާހް ގެންނަން ޖެހޭ ކަމުގައި ވަނީނަމަ، އެކަންވެސް ކުރާނީ ސިނާޢަތުގައި ޝާމިލްވާ ފަރާތްތަކުގެ ކަންބޮޑުވުންތައް ބަލާ އެމީހުންގެ ބައިވެރިވުމާއެކުގައިކަމަށް ވިދާޅުވެފައެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1276 ތަނެއް ވަނީ ހުޅުވާފައެވެ. މި ހުރިހައި ތަނެއްގެ ބެޑް ކެޕޭސިޓީ 64،719 އަށް އަރައެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އެންމެ ބޮޑު އިންސައްތައެއް ޗުއްޓީ ހޭދަކުރަނީ ރިސޯޓުތަކުގައެވެ.