ޚަބަރު
އިލްޔާސް ޢިމްރާނަށް: ޕާޓީގެ މެމްބަރުންނަށް އޮޅުވާލައިގެން ކަންކަން ކުރިޔަށް ގެންދިއުން ހުއްޓާލަން ނުޖެހޭތޯ؟

ޑރ އިލްޔާސް އަދި ޝައިޚް ޢިމްރާން
ޢަދާލަތު ޕާޓީގެ އެންމެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިލްޔާސް ހުސައިން، އެ ޕާޓީގެ ރައީސް ޝައިޚް ޢިމްރާން ޢަބްދުﷲ އަށް ފާޑުވިދާޅުވެއްޖެއެވެ.
މިއީ އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ބާއްވާ މުޒާހަރާގައި އަދާލަތު ޕާޓީން ބައިވެރިވުމަށް ނިންމުމާ ގުޅިގެންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަދާލަތު ޕާޓީން މިރޭގެ އެއްވުމުގައި ބައިވެރިވުމަށް ނިންމާފައިވަނީ ޕާޓީގެ އިލްމުވެރިންގެ މަޖިލިސް ފަދަ އެއްވެސް ގުނަވަނަކަށް ހުށަނާޅައެވެ. ދިވެހި މީޑިއާއަކަށް އެ ޕާޓީގެ އިސް މެންބަރަކު މައުލޫމާތު ދެއްވި ގޮތުގައި މިއީ ޕާޓީގެ ރައީސް ޢިމްރާން އަމިއްލައަށް ނިންމެވި ނިންމެވުމެކެވެ.
މި މައްސަލައިގައި ޝައިޚް އިލްޔާސް ވަނީ ޕާޓީގެ އާންމު ގްރޫޕެއްގައި ސުވާލު އުފައްދަވާފައެވެ. އެގޮތުން އެ މަނިކުފާނު ސުވާލުކުރައްވާފައިވަނީ "ސަރުކާރު ހަމަމަގަށް އަޅުވައި ޒިންމާދާރުކުރުވުމަށް އަދާލަތު ޕާޓީން ބަސް ބުނަންޖެހެނީ ވަކި ޕާޓީއެއްގެ ނިވަލުގައި އޮވެގެންތޯ" އެވެ.
އަދާލަތު ޕާޓީގެ ތާރީޚަށް ބަލާއިރު، އައު ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުވި ހުރިހާ ސަރުކާރަކާ ދެކޮޅަށް އިމްރާންގެ ލީޑަރޝިޕްގެ ދަށުން އެ ޕާޓީ ވަނީ ނުކުމެފައެވެ. މީގެ ތެރޭގައި ރައީސް މުހައްމަދު ނަޝީދާއި ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަން ހިމެނެއެވެ.
ޝައިޚް އިލްޔާސްގެ މެސެޖުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ ޕާޓީގެ ލީޑަރޝިޕުން ސިޔާސީ ބައެއް ކަންކަން ކުރިއަށް ގެންދަނީ އޮޅުވާލައިގެން ކަމަށް ތުހުމަތުކުރައްވައެވެ. އަދި "ޕާޓީގެ އާންމު މެންބަރުންނަށް އޮޅުވާލައިގެން ކަންކަން ކުރުން ހުއްޓައިލަންނުޖެހޭތޯ" ސުވާލުކުރައްވާފައިވެއެވެ.
އެއްވަނަ އިސްލާމީ ޕާޓީގެ ގޮތުގައި އުފެދުނު އަދާލަތު ޕާޓީ މިހާރު ވަނީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. ޕާޓީގެ ރައީސް އިމްރާންގެ ސިޔާސަތުތަކާއި އަމަލުތަކުގެ ސަބަބުން ޕާޓީގެ އަގުވެއްޓި، ގިނަ ބައެއްގެ ތާއީދު ގެއްލިފައިވާކަން ފާހަގަކުރެވެއެވެ.