ޚަބަރު
މަސްވެރިންގެ ދުވަހުގެ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި!

2023 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ޙާއްސަ ޖަލްސާގެ ތެރެއިން
ރާއްޖޭގެ އިގްތިޞާދާއި ދިރިއުޅުމުގެ މައި ތަނބަކީ މަސްވެރިކަން ކަމަށްވާއިރު، މި ދާއިރާގައި މަސައްކަތްކުރާ ހީވާގި މަސްވެރިންގެ މަސައްކަތް ބަލައިގަނެ، އެ މަސައްކަތަށް ހިތްވަރުދިނުމުގެ ގޮތުން މަސްވެރިންގެ ދުވަހުގެ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މަސްވެރިކަމާ ބެހޭ ވުޒާރާއިންނެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަސް ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ފާހަގަކުރެއެވެ. މިފަހަރު މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ކަނޑައަޅާފައިވަނީ ރ. ދުވާފަރުގައެވެ. އެދުވަހު ދިނުމަށް ކަނޑައަޅާފައިވަނީ ތިން އެވޯޑެކެވެ. އެއީ ހިތްވަރުގަދަ ޒުވާން ކެޔޮޅު، އެންމެ ތަޖުރިބާކާރު ކެޔޮޅު އަދި އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑެވެ.
މި އެވޯޑުތަކަށް ކުރިމަތިލެވޭނީ މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން މަސައްކަތްކުރަމުންދާ ފަރާތްތަކަށެވެ. ހިތްވަރުގަދަ ޒުވާން ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުގެ ދަށުގެ ކެޔޮޅުންނަށެވެ. އަދި ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުން މަތީގެ ކެޔޮޅުންނަށެވެ.
މި އެވޯޑުތަކަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 23 ވާ ބުރާސަފަތި ދުވަހުގެ 14:00 (މެންދުރުފަހު 2:00) ގެ ނިޔަލަށެވެ. އެވޯޑަށް ހުށަހެޅުމަށް ބޭނުންވާ ފޯމު، މަސްވެރިކަމާ ބެހޭ ވުޒާރާގެ ވެބްސައިޓުން ލިބޭނެކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މި އެވޯޑަށް އެދި އަމިއްލަ ޙައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.މި އެވޯޑަކީ ރާއްޖޭގައި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، އެ ފަރާތްތަކަށް އިތުރު ހިތްވަރެއް ދީ އަގު ވަޒަންކުރުމުގެގޮތުން ދިނުމަށް ސަރުކާރުން ނިންމާފައިވާ އެވޯޑެކެވެ.
ރާއްޖޭގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން އައިސް އުފައްދާ ނިޒާމާއި މަސް ފިނިކުރާ ނިޒާމުތައް އިތުރުކުރުމާއި، އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން މަސްވެރިކަން ކުރާ އުޅަނދުތަކަށް ޒަމާނީ ވަސީލަތްތައް ހޯދުމަށް އެހީތެރިވުމާއި، މަސްވެރިންނަށް ފައިސާ ދޫކުރުން ހަރުދަނާކުރުމުގެ މަސައްކަތްވެސް ކުރެވެމުންދެއެވެ. އަދި މަހުގެ އުފެއްދުންތައް އުފައްދާ މިންވަރު އިތުރުކޮށް އެކްސްޕޯޓް ކެޕޭސިޓީވެސް ދަނީ އިތުރުކުރަމުންނެވެ.