Ads by Stelco

ޚަބަރު

އެމް.ޑީ.ޕީ ސަރުކާރުން ވައްކަން ނުކުރާ އެއްވެސް ދިމާލެއް ނެތް، ޤައުމީ އިޤްތިޞާދު ހަދާލީ ހުސް ތޮށިގަނޑަކަށް: ވަޒީރު ޝިޔާމް

އެމް.ޑީ.ޕީ ސަރުކާރުން ވައްކަން ނުކުރާ އެއްވެސް ދިމާލެއް ނެތް، ޤައުމީ އިޤްތިޞާދު ހަދާލީ ހުސް ތޮށިގަނޑަކަށް: ވަޒީރު ޝިޔާމް

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 އޮކްޓޯބަރު 2025، 03:42

03 އޮކްޓޯބަރު 2025، 03:42

ކުރީގެ އެމް.ޑީ.ޕީ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި ޤައުމުގެ އެއްވެސް ދިމާލެއް ވައްކަމުން ސަލާމަތްވެފައި ނުވާ ކަމަށާއި، ޚާއްސަކޮށް ކޮވިޑުގެ ބަލިމަޑުކަންވެސް އެ ސަރުކާރަށް ވައްކަންކުރަން ލިބުނު ރަނުގެ ފުރުޞަތަކަށް ވެގެންދިޔަ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިއަދު މި ސަރުކާރާ ޙަވާލުވީ އިޤްތިޞާދީ ހުސް ތޮށިގަނޑެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާއިރު، ޤައުމުގެ އަމާންކަން ނަގާލަން ދެން އެއްވެސް ފުރުޞަތެއް ނުދެއްވާނެ ކަމަށް ވަޒީރު ޝިޔާމް ވަނީ ހާމަކުރައްވާފައެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވެފައިވަނީ، އެމް.ޑީ.ޕީ ސަރުކާރުން އޭރު ކުރަމުންދިޔަ ވައްކަންތަކުގެ ވާހަކަ ކެނޑިނޭޅި މަޖިލީހުގައި ދައްކަމުންދިޔަ ކަމަށެވެ. ކޮވިޑުގެ ބަލިމަޑުކަމުގައި ވެންޓިލޭޓަރުން ވައްކަންކޮށް، އެޅި ކޮވިޑް ފެސިލިޓީތަކުންނާއި، އެތަންތަނަށް ކޭޓަރ ކުރުމުގައިވެސް ވައްކަންކުރި ކަމަށާއި، އެންމެ ކުޑަމިނުން މާސްކުންވެސް ވައްކަންކުރިކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަގު ހެދުމާއި، ހޮސްޕިޓަލްތައް އެޅުމާއި، ކުނި މެނޭޖްކުރާ ސެންޓަރުތައް ހެދުމުގެ ނަމުގައިވެސް ވައްކަންކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ޝިޔާމްގެ ބަސްތަކުން ހާމަވާ ގޮތުގައި، ފެނަކައިން އޭރު ކުރަމުންދިޔަ ވައްކަންތައް ފިއްކަނޑައިގެންދާވަރުގެ ކަންތައްތަކެއް ކަމަށްވެސް  ފާހަގަކުރެއްވިއެވެ. މަޖިލީހުން ދެ ފަހަރެއްގެ މަތިން މި މައްސަލަތައް ބަލަން މަސައްކަތް ކުރެވުނު ނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލިސް ތެރެއިން އެކަން ހުއްޓުވާ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) ގެ މެންބަރުން ބަދަލުކުރެއްވި ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

އެމް.ޑީ.ޕީ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި އެކަނި 64 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދިއިރު، ވެރިކަން ނިންމާލީ މަސްވެރިންނަށް ދައްކަންޖެހޭ 250 މިލިއަން ރުފިޔާ ނުދައްކާ ކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުނޑާލައި، ދިވެހި ވިޔަފާރިތަކަށް 8 ބިލިއަން ރުފިޔާ ދައްކަންޖެހޭ ޙާލަތަށް ޤައުމު ގެނެސްފައިވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. މިއަދު ޑޮލަރަށް އައިސްފައިވާ ބާރަކީ އޭރު އެތައް ބިލިއަނުން ފައިސާ ޗާޕުކުރުމުގެ ނަތީޖާ ކަމަށާއި، ތަކެތީގެ އަގުބޮޑުވެ، ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ޢާއިލާތައް ނިކަމެތިވެ، ޤައުމުގެ އިޖުތިމާޢީ ފޭރާން އެއްކޮށް ވީދާ ކުދިކޮށްލި ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު އަތުވީ އިޤްތިޞާދީ ހުސް ތޮށިގަނޑެއް ކަމަށެވެ. އެހެން ނަމަވެސް، ފައިސާ ޗާޕްނުކޮށް މިހާލަތުން އަރައިގަނެ، ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ކުރިޔަށް ދާތަން ބަލަން ތިބުން ވާދަވެރިންނަށް ކެތްވާވަރުކަމަކަށް ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ މިއަދު އެމް.ޑީ.ޕީއިން ކުރިޔަށް ގެންދާ މުޒާހަރާތަކަކީ، ގޮތް ހުސްވެގެން ޤައުމުގެ އަމާންކަން ނަގާލައި، މަގުތައް ހަލަބޮލިކުރުމުގެ ނިޔަތުގައި، އަމިއްލަ ސިޔާސީ މަޤްޞަދެއް ޙާސިލްކުރަން ބާއްވާ ހަރަކާތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި މި ސަރުކާރުން ޤާނޫނު ތަންފީޒު ކުރުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށާއި، ޤައުމުގެ އަމާންކަން ނަގާލައި، މަގުތައް ހަލަބޮލިކޮށް، ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަން ކުޑަވެސް ޖާގައެއް ނުދޭނެ ކަމުގެ ޔަޤީންކަން ރައީސް މުޢިއްޒު ވަނީ ދެއްވާފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން