ޚަބަރު
ކުރީގެ ސަރުކާރުން ހޯދުނު އިންސާފެއް ނުވަތަ އިސްލާހެއް ނެތް، ދަރަނިތަކުގެ ތެރެއަށް ޤައުމު ގަންބާލީ : ވަޒީރު ސަޢީދު

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
މިއަދު އިދިކޮޅު ފަރާތްތަކުން ހިންގަން އުޅޭ މުޒާހަރާއާ ގުޅިގެން، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ކުރެއްވި ޕޯސްޓަކަށް ރައްދުދެއްވަމުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ކުރީގެ ސަރުކާރުން ވެރިކަން ހޯދީ "އިންސާފު" ހޯދުމަށް ކަމަށް ބުނެ ނަމަވެސް، އެއްވެސް އިންސާފެއް ނުވަތަ އިސްލާހީ ފިޔަވަޅެއް އެ ސަރުކާރުން ގެނެސްފައި ނުވާ ކަމަށާއި، ބަދަލުގައި ޤައުމު ދަރަނިތަކުގެ ތެރެއަށް ގަންބާލާފައިވާ ކަމަށްވިދާޅުވެފައެވެ.
ވޒީރު ސަޢީދު ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން، ތަންތަން ހުޅުޖަހައި، ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލާ، އެފަދަ އެތައް ކަމަކަށް ހިތްވަރުދިނީ "އިންސާފު" ހޯދުމަށް ކަމަށް ބުނެއެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށް ކަމަށް ވެސް އެއިރު ބުނެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެ ފަރާތަށް ސަރުކާރު ދޭން އެދުނު ކަމަށާއި، ސަރުކާރު ލިބި، މަޖިލީސް ވެސް ލިބުނު ކަމަށް ވެސް ވޒީރު ސަޢީދު ފާހަގަކުރެއްވިއެވެ. އެގޮތުން، "އެޖެންޑާ 19" ތަފާތުވާނެ ކަމަށް ވެސް އެއިރު ބުނި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ނަމަވެސް، ވޒީރު ސައީދު ވަނީ އެއިރުގެ ސަރުކާރާ ދިމާލަށް ސުވާލުތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން، "ހޯދުނު އިންސާފެއް އެބައޮތްތޯއޭ؟ އެޅި އިސްލާހީ ފިޔަވަޅެއް އެބައޮތްހޭ؟" ވަޒީރު ސައީދު ސުވާލުކުރެއްވިއެވެ.
ވަރަށް ހެޔޮބަސްފުޅެއް!
— Mohamed Saeed (@em_saeed) October 3, 2025
ތަންތަންހުޅުޖަހައި، ޓޫރިޒަމްބޮއިކޮޓް ކުރުމަށްގޮވާލާ، އެފަދަ އެތައްކަމަކަށް ހިތްވަރުދިންބަޔަކު އެއިރު އެކަންކުރީ “އިންސާފު” ހޯދުމަށްކަމަށްބުނެ! ކޮރަޕްޝަންހުއްޓުވަންކަމަށްބުނެ! އެފަރާތަށް ސަރުކާރު ދޭންއެދުނު! ސަރުކާރުލިބުނު! މަޖިލީސްވެސް ލިބުނު!… https://t.co/1s7Wl8Q4rT
އޭގެ ބަދަލުގައި، ސަރުކާރާއި ކުންފުނިތައް އަޑިނޭނގޭ ފުއްމިނަށް ގަންބާލީ ނޫންހޭ ވަޒީރު ސުވާލުކުރެއްވިއެވެ. އަދި ގެނައިހައި އެއްޗަކީ ވެސް ދަރަނީގެ ރަންޒަމާނެއް ނޫންހޭ ސުވާލުކުރައްވައި، "އެ ދަރަނިން އުފެއްދި އާމްދަނީ ލިބޭ އެއްކަމެއް ދައްކަބަލާށޭ؟ ދިނީ ހުސް ބަދަލު ނޫންހޭ؟" ވަޒީރު ސައީދު ވިދާޅުވިއެވެ.
ވަޒީރު މުޙައްމަދު ސަޢީދު މިފަދައިން ވިދާޅުވެފައިވަނީ، މިއަދު އެމްޑީޕީން ހިންގަން އުޅޭ މުޒާހަރާއަކީ ބިނާކުރަނިވި މުޒާހާރާއެއް ނޫންކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެ ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް އިބްރާހީމް ވިދާޅުވީ، މިއީ ވެރިކަމުގެ ބޭނުމުގައި ބަޔަކު ކުރާ މުޒާހަރާއެއްކަމަށާއި، އެއީ ޤައުމުގެ ލާބައަށް ކުރާ ކަމެއް ނޫންކަމަށެވެ. އަދި މިއީ ޤައުމު މިހާރު ރަނގަޅު މިސްރާބަކަށް ދާތީ، އެކަން އެގޮތަށް ވިއަނުދިނުމަށް ބާއްވާ އެއްވުމެއްގެ ގޮތުގައި ޤާސިމް ވަނީ ސިފަކުރައްވާފައެވެ.