ޚަބަރު
ރާއްޖޭގެ ފަތުރުވެރިކަމަށް 53 އަހަރު ފުރުމުގެ މުނާސަބަތުގައި މެޑަމް ސާޖިދާ ތަހުނިޔާ ފޮނުއްވައިފި

މެޑަމް ސާޖިދާ މުޙައްމަދު/ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ފަތުރުވެރިކަމަށް 53 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ އެކަމަނާގެ ރަސްމީ "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ޞިނާޢަތް ފެށުނުތާ 53 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ޚިދުމަތް މިއަދާ ހަމަޔަށް ދަމަހައްޓައި ކުރިއެރުވުމުގައި ބައިވެރިވި އެންމެހާ ޚިދުމަތްތެރީންނަށް ޝުކުރާއި މަރްޙަބާ ދަންނަވާ ކަމަށެވެ. ހަމަ އެހެންމެ، ދިވެހިވަންތަ ރީތި ސިފަތަކާއި މި ވެށީގެ ޗާލުކަމާއެކު، ރާއްޖޭގެ ފަތުރުވެރިކަން ދުވަހުން ދުވަހަށް ފުޅާވެ، އިތުރު ތަރައްޤީއާއި ތިޔާގިކަން ޤައުމަށް ލިބެމުން ދިއުމަށް އެދިވަޑައިގަންނަވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުއެވެ. 2021 ވަނަ އަހަރުން ފެށިގެން އެ ދުވަސް ފާހަގަކުރަމުންދަނީ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓު ހުޅުނުވުނު ދުވަހާ ގުޅުވައިގެންނެވެ. ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިން ޒިޔާރަތް ކުރީ 1972 ވަނަ އަހަރުގައެވެ. އޭގެފަހުން، ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ތާރީޚީ ކާމިޔާބުތަކެއް ވަނީ ހޯދައިފައެވެ.
ދިވެހިރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އަދުގެ ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.