Ads by Stelco

ޚަބަރު

ފުލުހުންނަށް ހަމަލާދީ، ދައުލަތުގެ މުދަލަށް ގެއްލުންދިނުމަކީ އެމްޑީޕީގެ މުޒާހަރާތަކުގައި ޢާންމުކަމެއް: ވަޒީރު ޚަލީލް

ފުލުހުންނަށް ހަމަލާދީ، ދައުލަތުގެ މުދަލަށް ގެއްލުންދިނުމަކީ އެމްޑީޕީގެ މުޒާހަރާތަކުގައި ޢާންމުކަމެއް: ވަޒީރު ޚަލީލް

އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން/ފޮޓޯ: ގާފު އެމްވީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 އޮކްޓޯބަރު 2025، 02:12

03 އޮކްޓޯބަރު 2025، 02:12

ފުލުހުންނަށް ހަމަލާދީ، ދައުލަތުގެ މުދަލަށް ގެއްލުންދިނުމަކީ އެމްޑީޕީގެ މުޒާހަރާތަކުގައި ޢާންމުކަމެއްކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، އިދިކޮޅު އެމްޑީޕީން މާލެތެރެ ހަލަބޮލިކޮށް ހަމަޖެހުން ގެއްލުވާލުމަށް މިރޭ ކުރަން ނިންމާފައިވާ މުޒާހަރާއާއި ގުޅިގެންނެވެ.

'އެކްސް' ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، އެމްޑީޕީގެ ވެރިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި ޢަމަލުތައް ބަލާނެކަން ކަށަވަރުވުމުން އަނެއްކާ ވެސް އެ ދިމާކުރަނީ ޤައުމު ހަލަބޮލިކުރުމަށް ކަމަށެވެ. ހަމަ އެހެންމެ، ފުލުހުންނަށް ހަމަލާދިނުމާއި، ދައުލަތުގެ  މުދަލަށް ގެއްލުންދިނުމަކީ އެމްޑީޕީގެ މުޒާހަރާތަކުގައި ޢާންމުކަމެއް ކަމަށް ޚާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރު އިތުރަށް ވިދާޅުވީ، މިރޭ އެމްޑީޕީން ކުރިއަށްގެންދާ މުޒާހަރާގައި ވެސް އެފަރާތްތަކުގެ  އަމާޒު ހުރީ އެގޮތަށް ކަމަށްވުން ވަރަށް އެކަށީގެންވާ ކަމަށެވެ.

މިރޭ އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާގައި، މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން އެއްވެސް ފަރާތަކަށް ފުރުޞަތު ނުދޭނެ ކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ. އަދި މި ޙަރަކާތް ކުރިއަށްދާއިރު، ޢާންމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޙަރަކާތްތެރިވާ ފަރާތްތަކަށް އެއްބާރުލުން ދިނުމަށާއި، އެންމެހާ ރައްޔިތުންގެ ޙައްޤުތަކަށް އިޙްތިރާމްކޮށް މުޖުތަމަޢުގެ އާންމު މަޞްލަޙަތަށް އުނިކަމެއް ނާންނާނެ ގޮތަށް ޙަރަކާތް ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ބާއްވާ ޙަރަކާތްތަކަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، އެފަދަ ޙަރަކާތްތައް ހިންގޭ ސަރަޙައްދުތަކުގެ މަގުތަކާއި އެހެނިހެން ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ފުލުހުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުންގެންދާ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން