ދުނިޔެ
ޓްރެންޑަކަށް ވެފައިވާ ޖެން-ޒީ އިޙްތިޖާޖްގެ އަސަރު މަޣްރިބްކަރައަށް، އިޙްތިޖާޖްގައި 2 މީހަކު މަރުވެއްޖެ

މަޣްރިބްކަރައިގައި ކުރިއަށް ގެންދިޔަ އިޙްތިޖާޖްގެ ތެރެއިން
ޓްރެންޑަށް ވެފައިވާ ޖެން-ޒީ އިހްތިޖާޖުގައި ހިފައި މަޣްރިބްކަރައިގައި އިޙްތިޖާޖް ފަށައި އިޙްތިޖާޖްގެ ތެރޭގައި 2 މީހަކު މަރުވެއްޖެއެވެ.
މަޣްރިބްކަރައިގެ ސަލާމަތީ ބާރުތަކުން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، އެ ޤައުމުގައި ޒުވާނުން އިސްނަގައިގެން ކުރަމުންދާ އިހުތިޖާޖުތަކުގައި މަދުވެގެން 2 މީހަކު ވަނީ މަރުވެފައެވެ.
އެ ޤައުމުގެ ރަސްމީ ނޫސް އެޖެންސީ އެމްއޭޕީން ބުނި ގޮތުގައި، ބުދަ ދުވަހުގެ ރޭ ދެކުނު-ހުޅަނގު ސަރަހައްދުގެ ލެގްލިއާ ސިޓީގައި ހުރި ފުލުހުންގެ މަރުކަޒަކަށް އިޙްތިޖާޖް ކުރަމުންދިޔަ މީހުން އަރައިގަތުމާ ގުޅިގެން "އަމިއްލަ ދިފާއުގައި" ސަލާމަތީ ބާރުތަކުން ވަނީ ބަޑިޖަހާފައެވެ. މި ހާދިސާގައި އިޙްތިޖާޖުގެ ބައިވެރިން ވަނީ ސެކިއުރިޓީ ވެހިކަލްއަކާއި 4 މޮޓޯސައިކަލް އަތުލައި، އިމާރާތުގެ ބައެއް އަންދާލާފައެވެ.
ހެސްޕްރެސް ނޫހުން ރިޕޯޓުކުރި ގޮތުގައި، ޒުވާނުންގެ ބޮޑު އަދަދެއް މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން ފެށުމަށްފަހު، ފުލުހުންގެ މަރުކަޒަށް އަރައިގަތުމުގެ މަސައްކަތްކުރުމާ ގުޅިގެން ހާލަތު ވަނީ ގޯސްވެފައެވެ. މި ހަމަނުޖެހުންތަކުގައި ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވާ ކަމަށް ވެއެވެ.
ޖެންޒެޑް 212 ގެ ނަމުގައި މި އިހުތިޖާޖުތައް އިސްނަގައިގެން ކުރިއަށް ގެންދާ ޒުވާނުންގެ ހަރަކާތުން ވަނީ ސަރުކާރުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ގޮވާލާފައެވެ. އަދި 2030 ވަނަ އަހަރު މޮރޮކޯއިން ޕޯޗުގަލާއި ސްޕެއިނާ އެކު ބާއްވާ ވޯލްޑް ކަޕަށް ބޮޑެތި އަދަދުތަކުން ޚަރަދުކުރަން ރާވާފައިވާ ކަމަށް ބުނެ އެކަމާވެސް ދެކޮޅު ހަދާފައިވެއެވެ.
އިހުތިޖާޖުތަކާ ގުޅިގެން މިހާތަނަށް 400 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، 280 މީހުންނަށް އަނިޔާވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ގިނައީ ސަލާމަތީ ބާރުތަކުގެ އޮފިސަރުންނެވެ.
މިފަދަ އިހުތިޖާޖުތައް ބަންގްލަދޭޝް، ނޭޕާލް، އިންޑޮނޭޝިއާ އަދި މަޑަގަސްކަރު ފަދަ ޤައުމުތަކުގައިވެސް ފެތުރެމުންދާ ކަމަށް ވެއެވެ.