ޚަބަރު
ޕީޖީ އާއި ފުލުހުން ގުޅިގެން ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރުމަށް މަސައްކަތްތަކެއް ކުރެވެމުން އެބަދޭ: ޕީޖީ އޮފީސް

ޕްރޮސިކިޔުޓަރ ޖެނެރަލް އައްބާސް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އާއި ފުލުހުން ގުޅިގެން ޚިޔާނާތުގެ ބޮޑެތި މައްސަލަތައް އަވަސްކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފެނަކައިގެ ޚިޔާނާތުގެ މައްސަލަތަކާއި އެމްއެމްޕީއާރުސީގެ މައްސަލަތައް އަވަސްކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ފެނަކައިގެ ޚިޔާނާތުގެ މައްސަލަތަކަކީ އެ އޮފީހުން ޚާއްސަ ސަމާލުކަމެއް ދީގެން ކުރިއަށްގެންދާ މައްސަލަތަކެކެވެ. އެގޮތުން އޭސީސީއަށް ރައްދުވާގޮތަށް ނެރެފައިވާ އަމުރަކާއެކު، އިރުޝާދެއް ތައްޔާރުކޮށް، އެ އިރުޝާދުގައި ބަޔާންކޮށްފައިވާ މުއްދަތުތަކުގެ ތެރޭގައި މައްސަލަތަކުގެ ތަޙްޤީޤު ފުރިހަމަކޮށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކާ ގުޅޭގޮތުން، ވަކި ބައެއްގެ މައްޗަށް ދަޢުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާޠިލްކޮށް، އެ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކުރުމަށް ވެސް ވަނީ އޭސީސީގައި ދަންނަވާފައެވެ. މި މައްސަލަތަކުގެ ތެރެއިން އެއް މައްސަލައިގެ ތަޙްޤީޤު ނިންމައި، ދަޢުވާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
ޕީޖީ އޮފީހުން އިތުރަށް ފާހަގަކޮށްފައިވަނީ މި މައްސަލަތަކުގައި އޭސީސީއަށް 24 ގަޑިއިރު އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޚާއްސަ ޕްރޮސިކިއުޝަން ޓީމްތަކެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މި މައްސަލަތަކުން ނުޙައްޤު މަންފާ ލިބިފައިވާ އާންމުންގެ ބައި ބެލުމަށް ފުލުހުންނާއި އޭސީސީ ގުޅިގެން ފުޅާ ތަޙްޤީޤެއް ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.
މީގެއިތުރުން، މި މައްސަލަތަކުގައި ހިމެނޭ ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދެނެގަނެ، އެ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ މަގުފަހިކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.