ޚަބަރު
މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގެ އައު ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

އިންތިހާބެއްގެ ތެރެއިން ވޯޓު ކަރުދާސްތައް ގުނަނީ، ފޮޓޯ: އިލެކްޝަންސް ކޮމިޝަން
ޝަކުވާތަކާ ގުޅިގެން މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަންގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ލިސްޓަށް ގެނައި ބަދަލުތައް ގެޒެޓު ކުރުމަށްފަހު، އައު ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
މި މަހުގެ 11ވަނަ ދުވަހު އޮންނަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އިންތިޚާބުގައި، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ލިސްޓު އެންމެ ފުރަތަމަ އާންމުކުރީ މިދިޔަ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހެވެ. އެ ލިސްޓުގައި ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއެކު ޖުމްލަ 353 ފަރާތަކަށް ވޯޓު ދެވޭނެކަމަށް އޮތެވެ.
އެ ލިސްޓަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން މިއަދު އިލެކްޝަންސް ކޮމަޝަނުން ގެޒެޓުކުރި ލިސްޓުން 18 ފަރާތެއް ވަނީ އުނިކޮށްފައެވެ. އަދި އިތުރު ކުރެވުނު ލިސްޓުގައި 64 ފަރާތެއް ހިމެނެއެވެ. އެހެންކަމުން ވޯޓު ދެވޭ ލިސްޓުގައި މިހާރު ހިމެނެނީ ޖުމްލަ 399 ފަރާތެކެވެ.
އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މިރޭ (2 އޮކްޓޯބަރ 2025)ގެ ރޭގަނޑު 10:00ގެ ކުރިންނެވެ.
އިލެކްޝަވަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އެ ކޮމިޝަނުން ބަލައިގަންނާނީ ޝަކުވާ ފޯމުން ހުށަހަޅާ ޝަކުވާތައް އެކަންޏެވެ. އަދި ޝަކުވާ ފޯމް ފޮނުވަން ޖެހެނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި، ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ރެގިއުލޭޓުކުރުމަށް އުފެއްދި ކޮމިޝަނެކެވެ.